ޚަބަރު

22000 އަށްވުރެ ގިނަ ދަރިވަރުން ވެކްސިން ފުރިހަމަކޮށްފި


ސްކޫލް ކުދިންނަށް ވެކްސިން ދިނުމަށް ފެށި ވެކްސިން ކެމްޕެއިންގެ ތެރެއިން މިހާތަނަށް 22 ހާހަށްވުރެ ގިނަ ދަރިވަރުން ވެކްސިން ފުރިހަމަކޮށްފިއެވެ.

ސްކޫލް ކުދިންނަށް ވެކްސިން ދޭން ފެށީ މިދިޔަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުގައެވެ.

ކޯވިޑް19އިން ރައްކާތެރިވުމަށް ސްކޫލް ކުދިންގެ ތެރެއިން ޢުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ވެކްސިން ޕްރޮގްރާމް ފެށިތާ މަހެއްވެފައިވާއިރު 22093 ކުދިން ވަނީ ވެކްސިންގެ ދެޑޯޒާއެކު ވެކްސިން ފުރިހަމަކޮށްފައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކުރައްވާ ގޮތުގައި މީގެތެރޭގައި ހިމެނެނީ ރާއްޖޭގައި ހިންގަމުން އަންނަ ސަރުކާރު ސްކޫލްތަކާއި އަމިއްލަ ސްކޫލްތަކުގެ ތެރެއިން 141 ސްކޫލްގެ ދަރިވަރުންނެވެ. އެމިނިސްޓްރީން ހާމަކުރައްވާފައިވާ ތަފާސް ހިސާބަށްބަލާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް 35989 ދަރިވަރުން ވަނީ ފުރިހަމަކޮށްފައެވެ. މިއީ 218 ސްކޫލަކަށް ނިސްބަތްވާ ކުދިންކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. ރާއްޖޭގެ ސްކޫލްތަކުގައި ވެކްސިން ޖަހަން ޝަރުތު ހަމަވާ އުމުރުގެ 36000 އަށްވުރެ ގިނަ ކުދިން ތިބިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ކުދިންނަށް ދެމުން އަންނަނީ ޢުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ދިނުމަށް ޑަބްލިއުއެޗްއޯއިން ހުއްދަދީފައިވާ ފައިޒާ ވެކްސިނެވެ. ސްކޫލް ދަރިވަރުންނަށް ވެކްސިން ދިނުމަށްޓަކާ ރާއްޖެއަށް ވަނީ ކޯވެކްސް ފެސިލިޓީގެ ދަށުން އެމެރިކާގެ އެހީތެރިމާއެކު 128600 ޑޯޒްގެ ފައިޒާ ވެކްސިން ލިބިފައެވެ.

އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން މިހާރު ސްކޫލުތަކުގައި އުޅޭ ދަރިވަރުން އަދި މިދިޔަ ދިރާސީ އަހަރު 10 ނިންމި ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ސްކޫލްތައް މެދުވެރިކޮށެވެ. ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ވެކްސިން ދެމުންގެންދާނީ އެކުއްޖަކު ކިޔެވި ސްކޫލަކުންކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

ވެކްސިން ދިނުމަށްޓަކާ ބެލެނިވެރިންގެ އިއުތިރާޒެއް ނެތްކަމަށާއި ކުދިންގެ ސިއްޙީ އެއްވެސް މައްސަލައެއް ހުންނަތޯ ދެނެގަތުމަށް ޚާއްސަ ފޯމެއް ފުރައެވެ. އެގޮތުން ބަލީގެ އެއްވެސް ޢަލާމާތެއް ހުރި ކުއްޖެއްނަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ވަކި މުއްދަތަކަށްފަހުގައެވެ.

ސްކޫލްތަކަކީ ކޯވިޑްގެ ނުރައްކާ ކުޑަ ތަނަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތައް ގުޅިގެން ވަނީ ބުރަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން މިވީހާތަނަށް ބަލީގެ ބޮޑެތި ކްލަސްޓަރތައް ސްކޫލް މާހައުލުގެ ތެރެއިން ނުފެންނަކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ.

ސްކޫލް މާޙައުލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސްކޫލަށް ވަދެނިކުމެ އުޅޭ އެންމެނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްފައެވެ. އެގޮތުން ސްކޫލް މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް އަންގާފައިވާއިރު ބެލެނިވެރިންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ސްކޫލަށް ނުވަދެވޭ ގޮތްވަނީ ހަދާފައެވެ.