ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭއިރު ބްރެޒިލްގެ ކީޕަރުން ރަތް ޖާޒީލުން އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން މަނާ ކޮށްފި އެވެ.
ކުރިން ހަމަޖެހިފައި އޮތީ މި މެޗުގައި ބްރެޒިލްގެ އެއްވަނަ ކީޕަރު އަލިސަން ބެކާ ލައިގެން ހުންނާނީ ރަތްކުލަ ކަމަށެވެ. ނަމަވެސް މިހާރު ހަމަޖެހިފައިވަނީ އޭނާ ލައިގެން ހުންނާނީ ފެހި ކުލައިގެ ޖާޒީ ކަމަށެވެ.
ޖާޒީގެ ކުލަ ބަދަލު ކޮށްދިނުމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގައި އެދުނީ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ސާމިރު ޒައުދެވެ. ބުނެވޭ ގޮތުގައި ރަތް ޖާޒީގައި ނުކުޅެން އޭނާ އެދުނީ މިއީ ބްރެޒިލްގައި ސިޔާސީ ޕާޓީއެއްގެ ކުލަ ކަމަށްވާތީ އެވެ. ފުޓްބޯޅަ އާއި ސިޔާސީ ކަންކަން މައްސުނި ކުރަން ފުރުސަތު ނުދިނުމަށެވެ. ރަތް ކުލަ އަކީ ބްރެޒިލްގެ މިހާރުގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާގެ ވޯކާސް ޕާޓީގެ ކުލަ އެވެ. އޭނާގެ ވާދަވެރިޔާ ޖައިރް ބޮލްސޮނާރޯގެ ލިބަރަލް ޕާޓީގެ ލޯގޯއިން ރަތް ކުލަ ނަގައި ޕާޓީގެ ހަރަކާތްތަކ ބޭނުން ކުރަނީ ބްރެޒިލްގެ ގައުމީ ކުލަތަކެވެ. އެއް ފަހަރު އޭނާގެ ކެމްޕެނުގައި ގައުމީ ޖާޒީ ވެސް ބޭނުންކުރި އެވެ. މިކަމާ ވަރަށް ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވި އެވެ.
ނަމަވެސް ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ސާމިރު ޒައުދު ވިދާޅުވީ ރަތް ކުލަ ނުލާން ނިންމާފައިވަނީ ކުއްލިއަކަށް ނޫން ކަމަށެވެ.
"މިއީ ކުރިން ވެސް އަހަރުމެން މަޝްވަރާ ކޮށްފައިވާ ކަމެއް. އަހަރުމެން ބޭނުންވަނީ ގައުމީ ޓީމު ކުޅޭއިރު ކުޅުންތެރިން ގައުމީ ދިދައިގައިވާ ކުލަތަކުގައި ތިބެން. މިރޭގެ މެޗުގެ ޖާޒީގެ ކުލަ ބަދަލު ކުރަން ފީފާގައި އެދުނީ އަހަރެން،" ހުސްވި އަހަރު ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަމަށް ވަޑައިގެންނެވި މެޑިކަލް ޑޮކަޓަރު ސާމިރު ވިދާޅުވި އެވެ.
ބްރެޒިލްގެ ގައުމީ ދިދާގައިވާ ކުލަތަކަކީ ރީނދުލާއި ނުލާއި ފެއްސާއި ނުލެވެ. އެ ގައުމުގެ ޖާޒީގެ ރަސްމީ ކުލަ އަކީ ރީނދުލެވެ. ދެވަނަ ކުލަ އަކީ ނުލެވެ. ކީޕަރުން އާއްމުކޮށް ކުޅެނީ ފެއްސާއި ނުލާއި ފިޔާތޮށި ކުލައިގެ ޝޭޑްތަކާއި ކަޅު ކުލަގަ އެވެ.
ވޯލްޑް ކަޕުގެ ގަވާއިދު ބުނާ ގޮތުން ކޮންމެ ގައުމަކުން ވެސް ކީޕަރުންގެ ކުލަތަކުގެ ގޮތުގައި ހަތަރު ކުލައެއް ރަޖިސްޓަރީ ކުރަން ޖެހޭނެ އެވެ. ބްރެޒިލުން ރަޖިސްޓަރީ ކޮށްފައިވާ ހަތަރުވަނަ ކުލަ އަކީ ރަތެވެ. މިއީ ކިހިނެތްވީ ކަމެއްކަން މިހާތަނަށް ފީފާ އާއި ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނާއި ޖާޒީ އުފައްދައިދޭ ނައިކީ ވެސް ނުބުނެ އެވެ. އެކަމަކު ޔަގީންވާ ކަމަކީ ކީޕަރުންގެ ޖާޒީގެ ގޮތުގައި ނައިކީ ކުންފުނިން ވިއްކަން ނެރެފައިވަނީ ފެއްސާއި ނުލާއި ކަޅު ކުލަކަމެވެ.