އައު ސީޒަން ފަށައި، ދިވެހި ލީގަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އިތުރު ބިދޭސީ ކުޅުންތެރިއެއްގެ ސޮއި ހޯދައިފިއެވެ.
އެ ކުލަބުގެ ރަސްމީ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ސްޕެއިންއަށް ނިސްބަތްވާ ލުއިސް ހެރްނާންޑޭޒް މަތިއަސް މިރުއެނާ (ލުއިސް)، އެ ކުލަބާ ގުޅިފައިވާ ކަމަށެވެ.
ޑިފެންޑަރެއްގެ މަގާމަށް އަދި ޑިފެންސިވް މިޑްފީލްޑަރެއްގެ މަގާމަށްވެސް ކުޅޭ އުމުރުން 28 އަހަރުގެ ލުއިސްގެ ކެރިއަރުގެ ބޮޑުބައެއް ހޭދަކުރީ ސްޕެއިންގެ ދަށް ޑިވިޝަންގެ ޓީމުތަކުގައެވެ.
ސްޕެއިން އިން ބޭރުން ޓީމަކަށް އޭނާ އެންމެފުރަތަމަ ކުޅުނީ ބްރޫނާއީގެ ޓީމަކަށެވެ. އެގޮތުން ބްރޫނާއީގެ ޑީޕީއެމްއެމް އެފްސީއަށް ކުޅެމުން އޭނާ ވަނީ އެ ގައުމުގެ ފުރަތަމަ ޑިވިޝަނުގެ ލީގުގެ ރަނަރަޕް ކަމާއި ޑޮމެސްޓިކް ކަޕުގެ ރަނަރަޕްކަން ވެސް އެ ކުލަބާއެކު ހޯދާފައެވެ. އަދި އެފްއޭ ކަޕުގެ ޗެމްޕިއަންކަން ވެސް ލުއިސް ވަނީ އެޓީމާއެކު ހޯދާފައެވެ.
އެފަހުން އޭނާ ވަނީ އިންޑިއާގެ ގޯކުލާމް ކެރެލާއާ ވެސް ގުޅިފައެވެ. އިންޑިއާގެ ކެރެލާ ބްލާސްޓާސްއާ ލުއިސް ގުޅުނީ މި އަހަރުގެ ކުރީކޮޅުއެވެ.
ސްޕެއިންގެ ލުއިސް ނިއުރޭޑިއަންޓާ ގުޅިފައިވާއިރު މި އަހަރުގެ ސީޒަން އެ ކުލަބުން ފެށީ ހަތަރު ބިދޭސީ ކުޅުންތެރިންނާ އެކުއެވެ. އެއީ ލައިބީރިއާގެ އަބްދުﷲ ޔާޔާ ބިލިޓީއާއި އަލްބާޓް ކޭ ސްވަންގެ އިތުރުން ބްރެޒިލްގެ ގިލެރްމޯ ޑަސިލްވާ އާއި ބަންގްލަދޭޝް ލީގުގައި މޮޅު ކުޅުމެއް ދައްކާފައިވާ އެ ލީގުގެ ބަޝުންދަރާ ކިންގްސްއަށް ކުޅުނު ބްރެޒިލްގެ ފޯވާޑް، ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯއެވެ.
އެހެންނަމަވެސް މި ސީޒަނުގައި މިހާތަނަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗާއި އެފަހުން ކުޅުނު ކަޕް ވިނާސް ކަޕުގައި ވެސް ނިއުއަށް ފުރިހަމަ ކާމިޔާބީ ލިބިފައި ނުވާއިރު، ޓީމު ވަރުގަދަކުރުމުގެ މަސައްކަތް އެ ކުލަބުން އައީ ކުރަމުންނެވެ.
މި މަސައްކަތުގައި، އެޓީމުން ތިނަދޫ ސިޓީގައި ޓުއަރއެއް ކޮށް، މެޗު ކުޅެފައިވާއިރު މި ޓުއަރގައި އެޓީމުގެ ލައިބީރިއާ ޑިފެންޑަރު އަލްބާޓް ކޭ ސްވަން ބައިވެރިކޮށްފައެއް ނުވެއެވެ. އެހެންކަމުން ނިއުއާ އަލަށް ގުޅުނު ލުއިސް އަކީ، ސްވަންގެ ބަދަލުގައި ގެނައި ކުޅުންތެރިއެއްކަމަށް ބެލެވެއެވެ.