ޚަބަރު

"ޕޯޓު މަޝްރޫޢު ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނޯންނާނެ"


  • ތިލަފުށި ޕޯޓު މަޝްރޫޢު ހަވާލުކުރީ ޤާނޫނީ އިމުގެ ތެރެއިން

  • މި ބަނދަރު އޮންނާނީ ދިވެހިރާއްޖޭގެ މިލްކެއްގެ ގޮތުގައި

ތިލަފުށީގައި ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުމުގައި ވަކި ފަރާތަކަށް ބުރަވެފައި ނޯންނާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން މިހެން ވިދާޅުވެފައިވަނީ، ތިލަފުށި މަޝްރޫޢުގައި ބޭރުގެ ވަކި ބަޔަކަށް އިސްކަންދީފައިވާ ކަމަށް ބުނެ ފަތުރަމުންދާ މީޑިއާ ރިޕޯޓުތަކާއި ގުޅިގެންނެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ނެރެފައިވާ ބަޔާނުގައި ވިދާޅުވީ، ތިލަފުށީގައި މިހާރު ތަރައްޤީކުރާ ބައިނަލްއަޤުވާމީ ބަނދަރުގެ މަޝްރޫޢަށް ދިވެހި ސަރުކާރުން ވަކި ބަޔަކަށް އިސްކަންދީފައިވާ ކަމަށް ފަތުރަމުންދާ ޚަބަރު ފެނިފައިވާ ކަމަށެވެ.

އެހެން ނަމަވެސް މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަރުކާރުން މިޒާތުގެ ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި މިމަޝްރޫޢު ހަވާލުކުރުމުގެ މަސައްކަތުގައި ދިވެހި ސަރުކާރުން އިސްކަން ދިނީ، ރާއްޖޭގެ ތަރައްޤީގެ އަމާޒުތަކަށް ކަމަށް ވިދާޅުވިއެވެ. މިއީ އެއްވެސް ފަޅިއަކަށް ބުރަވެ ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާއިން ވިދާޅުވީ، ތިލަފުށި ބައިނަލްއަޤުވާމީ ބަނދަރު ތަރައްޤީކޮށް އޮޕަރޭޝަނަށް ގެނައުމާއި ހަމައަށް، އަދި އޭގެފަހުންވެސް މި ބަނދަރު އޮންނާނީ ދިވެހިރާއްޖޭގެ މިލްކެއްގެ ގޮތުގައި ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމަކީ އެއްވެސް ފަރާތަކަށް ދޫދެވޭނެ ކަމެއް ނޫންކަމަށް ސަރުކާރުން ވިދާޅުވިއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭ ނިންމުންތަކަކީ، މިހާރުގެ އަދި މުސްތަޤުބަލުގެ ބައިވެރިއަކަށްވެސް ޤާނޫނުގައި ކަނޑައަޅާފައިވާ އިމާއި ޤައުމީ މަސްލަހަތުގެ ބޭރުން ބަސް ބުނެވޭނެ ކަމެއް ނޫންކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

އިޤްތިޞާދީ ވުޒާރާގެ ބަޔާނުގައި ވަޒީރު މުޙައްމަދު ސަޢީދާއި ހަވާލާދީ ވިދާޅުވީ، ތިލަފުށި ބައިނަލްއަޤުވާމީ ބަނދަރަކީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ދޭ ތަނެއް ކަމަށާއި، އެއީ ޤައުމުގެ ފާގަތިކަމާއި ގުޅިފައިވާ ތަނެއް ކަމަށެވެ. އަދި އެ މަސައްކަތަކީ ރާއްޖޭގެ އެއްވެސް ބައިވެރިއަކާއި ގުޅުވައި ދެއްކޭނެ ވާހަކައެއް ނޫން ކަމަށާއި، ދިވެހިރާއްޖެއިން އަބަދުވެސް ރާއްޖެއާއިއެކު މަސައްކަތް ކުރާ ބައިވެރިންގެ އަގުވަޒަން ކުރާ ކަމަށް ވަޒީރާއި ހަވާލާދީ މިބަޔާނުގައި ވިދާޅުވެފައިވެއެވެ.

އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، "އެންމެ ފުރަތަމަ ރާއްޖެ" ސިޔާސަތަކީ ހުރިހާ ބައިވެރިންނާއިއެކު މަޝްވަރާކުރުމުގައި ގެންގުޅޭ އަސާސެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ސިޔާދަތާއި ޤައުމީ މަސްލަހަތައް އިސްކަންދޭ ސިޔާސަތެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.