ޚަބަރު

ސިއްޙީ ފަރުވާ ނުލިބި ޣައްޒާގައި ބައިގެންދާ އަންހެނުން އިތުރުވަނީ


ފަލަސްޠީނުގެ ޣައްޒާގައި އެކަށީގެންވާ ސިއްޙީ ފަރުވާ ނުލިބި، ބައިގެންދާ އަންހެނުން އިތުރުވުމުގެ ސަބަބުން، ޣައްޒާގެ އާބާދީ އިތުރުވާ މިންވަރު ނުރައްކާތެރި ޙާލަތަކަށް ގޮސްފައިވާކަމަށް ބުނެފިއެވެ.

ޣައްޒާގައި ފަލަސްޠީނުގެ ނަޞްލު ހޭދަކުރުމަށް ޔަހޫދީން ދަނީ ގަސްތުގައި ޣައްޒާގެ ސިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ޢަމާޒުކޮށް، ނިރުބަވެރި ޙަމަލާތައް ދެމުންނެވެ.

އެކަމުގެ ސަބަބުން، ޣައްޒާގެ ސިއްޙީ ފަރުވާދޭ ނިޒާމު ވަނީ އެކީގައިހެން ހުއްޓުމަކަށް އައިސްފައެވެ.

ޣައްޒާގެ ސިއްޙީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އޭޕްރީލް މަހާ ހަމައަށް ޣައްޒާގައި ވިހައި ކޮންމެ 1،000 އަންހެނުންގެ ތެރެއިން 460 އަންހެނުން ބައިގެންދެއެވެ.

މިއީ މުޅި ދުނިޔޭގެ އެވަރޭޖަށް ބަލާއިރު، ތިން ގުނަ އިތުރު ޢަދަދެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ނަމަވެސް، ޣައްޒާގައި ޔަހޫދީން ހިންގާ ޢުދުވާނު އިތުރަށް ފުޅާކުރުމުގެ ސަބަބުން، މިހާރު އެ އިންސައްތަ 500އަށް އިތުރުވެފައިވާ ކަމަށް އެ ވުޒާރާއިން ލަފާކުރެއެވެ.

މިކަމުގެ މައިގަނޑު ސަބަބަކީ، ޔަހޫދީންގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން، ޣައްޒާގައި ދިރިއުޅޭ މާބަނޑު އަންހެނުންނަށް ބޭނުންވާ ސިއްޙީ ފަރުވާ އާއި ސިއްޙަތަށް ރަނގަޅު ކާނާ ލިބުމުގައި ހުރި ދަތިތަކެވެ.

މީގެއިތުރުން، ޣައްޒާގައި އުފަންވާ ކުދިންގެ ޢަދަދު ވެސް ވަނީ އިންތިހާއަށް ދަށްވެފައެވެ.

މިގޮތުން، މިދިޔަ އަހަރުގެ ނޮވްމެބަރު މަހު ޣައްޒާގައި އުފަންވިކަމަށް ރަޖިސްޓްރީކޮށްފައިވާ 6،076، މިދިޔަ އޭޕްރީލް މަހާ ހަމައަށް ވަނީ 2،004އަށް ވެއްޓިފައެވެ.

މިއީ ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ތެރޭގައި 67 އިންސައްތައިގެ ދަށްވުމެކެވެ.

ޣައްޒާގައި ކުޑަކުދިން އުފަންވާ މިންވަރު މިހާ ބޮޑަށް ދަށްވުމުގެ ސަބަބުން، ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުން އާބާދީއަށް އިންތިހާއަށް ނުރައްކާވެފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.