މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޗެރިޓީ ފަންޑު ދަރިވަރުންނަށް ފޯރުކޮށްދިނުމަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއާއި ހަވާލުކޮށްފިއެވެ.
އިސްލާމީ ޔުނިވާރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މި އެމްއޯޔޫގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ފައިނޭންސް އޮފިސާރ އަލީ ވާސިފްއެވެ.
މި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޗެރިޓީ ފަންޑް ބެލެހެއްޓުމުގެ ޒިންމާ ދެފަރާތުން އެއްބަސްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީއާއި ވަނީ ހަވާލުކޮށްފައެވެ.
މޯލްޑިވްސް އިސްލާމިކް ބޭނުންކުން ވިދާޅުވީ، މި އެއްބަސްވުމާއިއެކު އައިޔޫއެމްގައި ކިޔަވާ ދަރިވަރުންނަށް ލޯނު ލިބުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. މި ސްކީމްގެ ދަށުން ލޯނަށް އެދި ހުށައެޅޭނީ ޒަކާތު ފަންޑަށް ޝަރުތު ހަމަވާ ދަރިވަރުންނަށް އެކަނިކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ.
އެމްއޯޔޫގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި އަދި އިސްފަރާތްތަށް ބައިވެރިވެ ވަޑައިގެންނެވިއެވެ.