އއ.ފެރިދޫއަކީ އިޤްތިޞާދީ ހަރަކާތްތައް ފުޅާވަމުން އަންނަ ރަށެވެ. އެގޮތުން ލޯކަލް ޓޫރިޒަމް ފެށި، ޒަމާނީ ގެސްޓްހައުސްތައްވެސް އަންނަނީ ޤާއިމްކުރެވެމުންނެވެ. އިޤްތިޞާދީ ހަރަކާތްތައް ފުޅާވަމުން ދިޔަނަމަވެސް، އެރަށުގެ ރައްޔިތުންނަށާއި، ވިޔަފާރިވެރިންނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެނާއި ނަރުދަމާ ނިޒާމެއް އެރަށުގައި ޤާއިމްވެފައިނެތުމެވެ.
އެރަށުގައި ނަޖިސް ފެން ހިންދަނީ ގޯތިތަކުގައި ހަދާފައި ހުންނަ ޖަންކުޝަންތަކަށެވެ. އެހެންކަމުން އެރަށުގެ ފެން ވަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފައެވެ. ފެރިދޫ ކައުންސިލްގެ ރައީސް އިސްމާޢީލް ޝާޙް ވިދާޅުވީ، އެރަށުގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ އާރްއޯ ޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތްކަމަށެވެ. އެ މަސައްކަތް މިހާރު ނިމުމަކާއި ގާތްވެފައިވާއިރު، ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ހުރިހާ ގޭބީސީއަކުން ނަރުދަމާ ގުޅުމަށް ބޭނުންވާ ފޯމް ކައުންސިލަށް ހުށައެޅުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ޝާޙް ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވަނީ ފެނާއި ނަރުދަމާއާއެކު އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ފުޅާވެގެންދާނެކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"މިހާރު ކުރެވެމުންދަނީ އާރުއޯ ޕްލާންޓްގެ މަސައްކަތް. ހުރިހާ ގޭބިސީއަކަށް ޖަންކުޝަން ކޮޅު ވެއްދުމަށް ހޮޅި އެޅުމަށްޓަކައި މިހާރު ފޯމްތައް ދޫކުރަމުން ފުރަމުންދަނީ ބާރު ސްޕީޑްގައި. އާރުއޯ ޕްލާންވެސް މިހާރުވަނީ ނިމުމަކާއި ގާތްވެފައި." ފެރިދޫ ކައުންސިލްގެ ރައީސް އިސްމާޢީލް ޝާހް ވިދާޅުވިއެވެ.
ޖުމްލަ ތިރީސްފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއަކީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ފެރިދޫ ރައްޔިތުންވެސް ވަނީ ފެނާއި ނަރުދަމާ އަކީ އެރަށަށް މިހާރުން މިހާރަށްވެސް ބޭނުންވާ މަޝްރޫޢުއެއްކަން ފާހަގަކޮށްފައެވެ.
"ފެނުގެ މައްސަލައަށް ބަލާއިރު ފެން ރަނގަޅު އެއްވެސް ދިމާލެއް ނެތް. މިހާރު މިރަށުގައިތިބި ރައްޔިތުން އެންމެ ބޭނުންވަނީ ފެނާއި ނަރުދަމާ. އެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ. މިހާރުން މިހާރައް ފެނައި ނަރުދަމާ އަޅުގަނޑުމެންނަށް ވަރަށް މުހިންމު." ފެރިދޫ ޒުވާނަކު ބުންޏެވެ.
ބިމުގެ ބޮޑުމިނުގައި 44.2 ހެކްޓަރ ހުންނަ ފެރިދޫގައި ޤާއިމްކުރެވޭ ފެނުގެ ނިޒާމުގެ މަސައްކަތުގެ ދަށުން، 6.76 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާރް.އޯ ފެސިލިޓީ އިމާރާތަކާއި، ފެން އުފެއްދުމަށް 2 އާރް.އޯ ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއެވެ. މީގެއިތުރުން، ފެން ރައްކާކުރުމަށް ހަދާ 3 ތާންގީ ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމު ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރުވަނީ ފެރިދޫއަށް ގެންގޮސްފައެވެ.
ފެރިދޫއަށް ކުރިމަތިވެފައިވާ ނަރުދަމާ ނިޒާމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމުގެ ގޮތުން ކުރިޔަށްދާ މި މަޝްރޫޢާއެކު، ފެރިދޫގައި 5.04 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ޤާއިމްކޮށް 1.07 ކިލޯ މީޓަރުގެ ޕަންޕިން ލައިނަކާއި، ނަރުދަމާގެ އިދާރީ އިމާރާތަކާއި، 3 ޕަންޕިންގ ސްޓޭޝަނާއި، ސީ އައުޓް ފޯލްއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި، ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް ފެރިދޫ ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވާކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެފައިވެއެވެ.
836 މީހުންގެ އާބާދީއެއް އޮންނަ ފެރިދޫގައި މިހާރު ރަށުގައި ދިރިއުޅެނީ 536 މީހުންނެވެ.