ވ.އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު ފައިސާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައި ފުލުހުންގެ އިދާރާއަށް އެމަނިކުފާނު ޙާޒިރުވުމަށް އަންގައިފިއެވެ.
ވ. އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު ނުވަތަ 15 މިލިއަން ރުފިޔާ ރައީސް ޔާމިންގެ އެކައުންޓަށް ޖަމާކުރި މައްސަލައިގައި، އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ޙާޒިރުވުމަށް އަންގާފައިވަނީ މިއަދު މެންދުރު 2:00އަށެވެ. އާރަށު މައްސަލާގައި ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ޙާޒިރުވުމަށް އަންގާފައިވާއިރު، އެ މައްސަލައިގެ ތަހުޤީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ.
ވ. ތިނަދޫ ކައިރި އޮންނަ އާރަށް އަމިއްލަ ކުންފުންޏަކަށް ދީފައިވަނިކޮށް 2015 ވަނަ އަހަރު އެރަށް ވަނީ އެއަތޮޅު ފެލިދޫ ކައުންސިލާ ހަވާލުކޮށްފައެވެ. އަދި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީކުރުމަށް ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާއި ވަނީ ފަހުން ހަވާލުކޮށްފައެވެ. އަދި އޭގެ ފަހުންވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލާފައެވެ.
އާރަށް ވިއްކައިގެން ލިބުނު ފައިސާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާކަން ހާމަވެފައިވަނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތަހުޤީގުގެ ތެރެއިންނެވެ. އާރަށު މައްސަލާގައި ރައީސް ޔާމީން މީގެ ކުރިންވެސް ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށްފައިވެއެވެ. މިއަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު ރައީސް ޔަމީން ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށްފައިވަނީ، ބަޔާންތަކެއްގައި ސޮއިކުރުމަށްކަމަށް އެމަނިކުފާނުގެ ޤާނޫނީ ޓީމުން ބުނެފައިވެއެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުންނެވެ. 2019 ވަނަ އަހަރު ދަށު ކޯޓުން އިއްވައި، އެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށްފަހު ރައީސް ޔާމިންގެ ފަރާތްޕުޅުން މިހާރުވަނީ އެމައްސަލަ އިސްތިއުނާފްކުރުމަށް ސުޕްރީމް ކޯޓަށްވެސް ހުށައަޅާފައެވެ.
މީގެ އިތުރުން ރ. ފުއްގިރި ވިއްކައިގެން ލިބުނު މިލިއަނަކަށްވުރެ ގިނަ ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ. އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެވެސް ބާއްވާފައިވެއެވެ.