ޚަބަރު

އަތޮޅުތަކުން 127 މީހަކާއެކު، އިތުރު 169 މީހުން ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 169 މީހުން ކޯވިޑަށް ޕޮޒިޓިވެއްޖެއެވެ.

އިތުރު 169 މީހުން ކޯވިޑަށް ޕޮޒިޓިވެފައިވާއިރު މިދިޔަ 24 ގަޑިއިރުތެރޭގައި ބަލިން ރަނގަޅުވެފައި ވަނީ 19 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އިން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 169 މީހުންނެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 24 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 127 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 15 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 76188 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް މާ ދަށަކަށް ނުދެއެވެ.

މިބައްޔަށް މިވަގުތު ފަރުވާ ހޯދާމީހުންގެ ޢަދަދުވެސް އުޅެނީ 3،000 އިން ދަށުގައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުން ދަނީ 2619 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 8 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 19 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 73340އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 4932 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 217 މީހުން ވަނީ ނިޔާވެފައެވެ.