ކުދި ވިޔަފާރިވެރިންނަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގައި އެންމެ މުހިންމު ހިއްސާއެއްވާ ފަރާތްތައް ކަމަށް އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވެއްޖެއެވެ.
ބަދުރުއްދީން މިފަދައިން ވިދާޅުވީ އެމްއެސްއެމްއީ ދުވަހާއި ގުޅިގެން ދެއްވި ޚާއްސަ މެސެޖެއްގައެވެ. އޭނާ ވިދާޅުވީ، ކޮންމެ ވިޔަފާރިއަކީ އާއިލާއަކަށާއި، މުޖުތަމައަކަށާއި، އަދި އަޅުގަނޑުމެންގެ އިގްތިސާދުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ.
މިއަހަރުގެ އެމްއެސްއެމްއީ ދުވަހުގެ މުނާސަބަތުގައި އެސްއެމްއީ ޑިޖިޓަލްއިން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެކަމަށް އެ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އަގުވަޒަންކޮށް އެފަރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރުމަށް "އެމްއެސްއެމްއީ ފެސްޓް 2026" ގެ ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ހާއްސަ ހަރަކާތެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
ޖޫން މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ކުރިއަށްދާ މި ފެސްޓިވަލްގައި، 30 ވިޔަފާރިއަކާއި، އެސްއެމްއީ ޑިޖިޓަލް، ބީސީސީ އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޯލްތަކެއްވެސް މި ހަރަކާތުން ފެނިގެންދާނެއެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގެ ޓީވީއެމް މެދުވެރިކޮށް ހެނދުނު 10:30 އިން ރޭގަނޑު 11:00 އަށް ހާއްސަ ޓެލެތޯނެއް ވެސް އެބަ ކުރިއަށްގެންދެއެޗެ، މިއީ ކުދި ވިޔަފާރިތަކާ ގުޅުންހުރި މައުލޫމާތާއި ކޮންޓެންޓްތައް އާންމުންނަށް ގެނެސްދިނުމަށް ކުރިއަށް ގެންދާ ޓެލެތޯންއެކެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާގައި އާންމުން ބައިވެރިކުރުވުމަށް "ޓެގް ޔޯ ފެވަރިޓް އެމްއެސްއެމްއީ"ގެ ނަމުގައި ފައިސާގެ އިނާމު ލިބޭ ކެމްޕެއިނެއް އެސްއެމްއީ ޑިޖިޓަލް އިން ވަނީ ފަށާފައެވެ. އެސްއެމްއީ ޑިޖިޓަލްގެ އިންސްޓަގްރާމް މެދުވެރިކޮށް ކުރިއަށްގެންދާ މި މުބާރާތުގައި އާންމުންނަށް އެންމެ ކަމުދާ ކުދި ވިޔަފާރިތައް ޓެގްކޮށްގެން، ޓެގްކުރާ ފަރާތަށާއި އެ ވިޔަފާރިއަކަށް އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
ހަމައެހެންމެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މުޖުތަމައުގައި އަދާކުރާ މުހިންމު ދައުރާއި އެފަރާތްތަކުގެ ބުރަ މަސައްކަތްތައް ތަފާތު ނަޒަރިއްޔާތަކުން ދައްކާލުމަށް "ކެޕްޗަރއެމްއެސްއެމްއީ" ގެ ނަމުގައި ފޮޓޯގްރަފީ މުބާރާތެއްވެސް ވަނީ ހުޅުވާލާފައިއެވެ. މީގެ އިތުރުން، އެމްއެސްއެމްއީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ކ. ހުރާގައި އެސްއެމްއީ ޑިޖިޓަލް، ބޭންކް އޮފް މޯލްޑިވްސް، ހުރާ ކައުންސިލް އަދި ބީސީސީ ގުޅިގެން ހާއްސަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގަން ހަމަޖެހިފައިވެއެވެ.