ރާއްޖޭގެ އެއްވެސް ކޯޓެއް މި ދުވަސްވަރު މަސަކަތް ހުއްޓާލާ ރިސެސްއަށް ނުދިޔުމަށް ސުޕްރީމްކޯޓުން އަންގައިފިއެވެ.ރާއްޖޭގެ އަދުލް އިންސާފް ޤާއިމްކުރުމުގެ އެންމެ މަތީ ބާރުކަމުގައި ސުޕްރީމްކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ އިޤްތިސާދު އައު ކުރި އެރުންތަކަކަށް އަމާޒު ހިފާފައިވާ މި ދަނޑިވަޅުގައި މިހާތަނަށް ޢާއްމުކޮށް ހިނގަމުން އައި އުސޫލާ އެއްގޮތްވާގޮތުގެ މަތިން މި ވަގުތު ކޯޓްތައް ރިސެސްއަށް ދިޔުމަކީ ޤައުމީ މަސްލަހަތު ތަންދޭކަމެއް ނޫންކަމަށެވެ. އެހެންކަމުން ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެހައި ކޯޓްތަކުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ދުސްތޫރީ މަސްޢޫލިއްޔަތު ކުރި އެކޭ އެއްފަދައަކުން އަދާކުރުންމަތީ ދެމިތިބުމަށް ދިވެހިރާއްޖޭގެ އެންމެހައި ކޯޓްތަކަށް އަންގާކަމަށް ސުޕްރީމްކޯޓްގެ އަމުރުގައިވެއެވެ.ކޯޓްތަކާއި ބެހޭ ގާނޫނު ބުނާގޮތުން ކޮންމެ އަހަރެއްގެ މެދުތެރެއާއި ފަހުކޮޅު ކޯޓްތަކަށް ރިސެސްއަށް ދާންޖެހެއެވެ.ރިސެސްގެ މުއްދަތުގައި އެ ކޯޓަކުން ބަލަމުންދާ މައްސަލަތައް މަޑުޖައްސާލި ނަމަވެސް ކޮންމެހެން ނެރެންޖެހޭ އަމުރުތަކާއި ކޯޓްތަކުން ކުރަމުންދާ އިދާރީ މަސައްކަތްތައް ކުރަމުންދާނެއެވެ.