ކޯވިޑް-19

ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި ރައްޔިތުންގެ ދައުރު، ކޯވިޑުގެ އަދަދުތަކުން


ކޯވިޑް-19ގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ހީވެސްނުކުރާފަދަ ބޮޑެތި ބަދަލުތަކެއް މިވަނީ އައިސްފައެވެ.

މުޅި މުޖުތަމަޢުގެ ޞިއްޙީ ދުޅަހެޔޮކަމާއި، ކާންބޯން އަދާކުރާ ވަޒީފާއިން ފެށިގެންގޮސް ޤައުމުގެ އިޤްތިޞާދީ މައި ސިނާޢަތްތަކަށްވެސް ބޮޑު ހީނަރުކަމެއް މިވަނީ ގެނުވާފައެވެ. ކޯވިޑާއެކު އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތަކަށް އެތައްގޮތަކުން އަސަރުކޮށްފައިވާއިރު، މިކަމުގައި އެތައް އާއިލާއަކުން ހިތްދަތި ތަޖުރިބާތަކެއް ވަނީކޮށްފައެވެ.

ކޯވިޑް-19 ބޮޑު ޞިއްޙީ ބަލިމަޑުކަމެއްގެގޮތުގައި މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެން ފެށީ 2020 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އޭރު މި ބައްޔާގުޅޭ މާގިނަ ހޯދުންތަކެއް ހޯދިފައިނެތްނަމަވެސް، ބަލިން ރައްކާތެރިވުމަށް ސައިންޓިސްޓުންނާއި ޞިއްޙީ ތަޖުރިބާކާރުން އެންމެ ބޮޑަށް ބާރުއަޅަމުންދިޔައީ މާސްކް އެޅުމާއި ގައިދުރުކަން އިސްކޮށް އާއްމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށެވެ. ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އެ ޤައުމަކުން އެޅެންހުރި ފިޔަވަޅުތަކެއް އަޅަމުންދިޔައިރު، ރާއްޖޭގައިވެސް ދިވެހި ސަރުކާރުން ދިޔައީ މިކަމަށް ތައްޔާރުވަމުންނެވެ. ބަލިން ދިފާޢުވުމަށް އާއްމުން ހޭލުންތެރިކުރުވައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭ ސިޔާސަތުތައް އެކުލަވާލަމުންނެވެ. އަދި ބަލީގައި ބޮޑުވަރުވާ މީހުންނަށް ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ އިންތިޒާމްތައް މާލެއާއި އަތޮޅުތަކުގައި ޤާއިމުކުރިއެވެ.

ދިވެހިރާއްޖޭގައި މި ބަލިމަޑުކަން ފެތުރިގެން އައިގޮތަށް ބަލާއިރު، އެންމެ ފުރަތަމަ އެކްޓިވް ކޭސްތައް ފެންނަން ފަށާފައިވަނީ އެކި ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ ސްޓާފުންގެ ތެރެއިންނެވެ. އެގޮތުން ކޯވިޑުގެ ފުރަތަމަ ކޭސް ރާއްޖޭގައި ފެނިފައިވަނީ 7 މާރިޗު 2020 ގައެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ގްރޭޓަރ މާލޭ ސަރަޙައްދުން ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި އެކެއްގެ ގައިން އަނެއްކެއްގެ ގަޔަށް ކޯވިޑް ފެތުރެން ފެށީ 15 އޭޕްރީލް 2020 ގައެވެ. 2020 ވަނަ އަހަރު ނިމިގެންދިޔައިރު ރާއްޖެއިން މުޅި ޖުމްލަ 13،757 މީހަކަށް މި ބަލި ޖެހިފައިވެއެވެ. 31 ޑިސެމްބަރު 2020 ގައި އެޗް.ޕީ.އޭއިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އޭރު އެކްޓިވް ކޭސްތަކުގެ ގޮތުގައި 561 މީހަކު ދިޔައީ މި ބައްޔަށް ފަރުވާ ހޯދަމުންނެވެ. ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ހުރީ 13،141 ގައެވެ. 48 މީހަކު މިދިޔަ އަހަރު ނިމުނުއިރު މި ބަލީގައި ރާއްޖޭގައި ނިޔާވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއިން މި ހޭދަކުރި ގާތްގަނޑަކަށް އެއް އަހަރާއި 3 މަސް ދުވަހުގެ ތެރޭގައި ތަފާތު ތަޖުރިބާތަކެއް މިވަނީ ކޮށްފައެވެ.

ފާއިތުވި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ޙާލަތު އެންމެ ބޮޑަށް ގޯސްވެގެންދިޔައީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ. ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދުތައް އެންމެ މައްޗަށް އަރައިގެންދިޔައީ 20 މެއި 2020 ގައެވެ. އެ ދުވަހު އެޗް.ޕީ.އޭއިން އާއްމުކުރި ތަފާސް ހިސާބުތަކުން 2،194 މީހަކަށް ބަލި ޖެހިފައިވެއެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ބަލި ޖެހުނު 1698 މީހަކާއި، އަތޮޅުތަކުން ބަލި ޖެހުނު 467 މީހަކު ހިމެނެއެވެ. އެކްޓިވް ކޭސްތަކުގެ ޢަދަދު 20،000 މަތީގައި ހުރިއިރު، 280 މީހަކަށް ދިޔައީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މެއިމަހުގެ ތެރޭގައި އެކަނިވެސް 34،500 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު، 88 މީހަކު ވަނީ ނިޔާވެފައެވެ. މެއިމަސް ނިމުނުއިރު، ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ ޢަދަދު ހުރީ 64،000 އަށްވުރެ މަތީގައެވެ.

މެއިމަހު ކޭސްތައް ކަންބޮޑުވާހާ މިންވަރެއްގައި އިތުރުވާން ފެށުމާއެކު ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ފެށީ މެއިމަހުގެ 26 ވަނަ ދުވަހުއެވެ. އޭރު އެޅި ފިޔަވަޅުތަކަށް މަސްދުވަސްވާން ގާތްވެފައިވާއިރު، ފިޔަވަޅުތަކާއެކު ނުކުތް ނަތީޖާ މިހާރުގެ ތަފާސް ހިސާބުތަކުން ވަރަށް ސާފުކޮށް އެނގިގެން އެބަދެއެވެ. 20،000 މަތީގައި އޭރު ހުރި އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރު މިވަނީ 5000 އަށް ދަށްވެފައެވެ. 280 މީހަކަށް އޭރު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔައިރު، މިހާރު މި ޢަދަދު މިވަނީ 50 އަށްވުރެ ދަށްވެފައެވެ.

މި ތަފާސް ހިސާބުތަކުން އެނގޭ އެއްކަމެއް އެބައޮތެވެ. އެއީ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި އާއްމު ރައްޔިތުންގެ ދައުރާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްދޭ އެއްބާރުލުމާއި، އެކަންކަމަށް ރައްޔިތުން ކިޔަމަންތެރިވެ ބޯލަނބާ މިންވަރެވެ.

ކޯވިޑްގެ 4 ރާޅަކާއި ރާއްޖެއިން މިހާތަނަށް ކުރިމަތިލާފައިވާއިރު، މިއިން ކޮންމެ ރާޅަކާއެކު ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ތަފާތު އެކި ފިޔަވަޅުތައް އަޅާފައިވެއެވެ.

ކާފިއު އިޢުލާންކުރުމާއި، ސްކޫލުތަކާއި އޮފީސްތައް ބަންދުކުރުމާއި، ކުޅިވަރު މުބާރާތްތައް ހުއްޓާލުމާއި، ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމާއި، ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމާއި، ގެސްޓްހައުސްތަކާއި ރިސޯޓުތައް ބަންދުކުރުމާއި، ރާއްޖޭގެ ބޯޑަރު ބަންދުކުރުންފަދަ ފިޔަވަޅުތައް މީގެ ކުރިން އަޅާފައިވެއެވެ. މިއިން ކޮންމެ ފިޔަވަޅަކާއެކު އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެތައް އާދަތަކެއް ބަދަލުކުރަން ޖެހުނެވެ. މިއިން އެއްވެސްކަމަކީ އަޅުގަނޑުމެން ދެވަނަ ފަހަރަކަށް އެކަންކަން ތަޖުރިބާކުރަން ބޭނުންވާނެ ކަންކަމެއްނޫންކަން ޔަޤީނެވެ.

ރާއްޖޭގެ ޢަދަދުތައް ދަށްވާން ފެށުމާއެކު ކޮންމެވެސް ވަރެއްގެ ލުއިތަކެއް ސަރުކާރުން ދެއްވާފައިވާއިރު، އަދިވެސް ބަލީގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު ކުޑައެކޭ ނުދެންނެވޭނެއެވެ. ވަކިން ޚާއްސަކޮށް ދާދިފަހުން ރާއްޖެއިން ހެދި ޖީން ސީކުއެންސިން ސާމްޕަލްތަކުގެ ނަތީޖާދައްކާގޮތުން ދުނިޔޭގައި އެންމެ ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ބަލީގެ ނުރައްކާ ދެ ވައްތަރުކަމަށްވާ އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއެންޓާއި، އިނގިރޭސިވިލާތުން ފެނުނު އަލްފާ ވޭރިއެންޓް ހިމެނޭހެން 6 ވައްތަރެއް ރާއްޖޭގައިވެސް ފެނިފައިވާކަން ވަނީ ހާމަވެފައެވެ.

ކޯވިޑްގެ ކޮންމެ ރާޅަކުންވެސް އަރައިގަތުމަށް ދިވެހިން މަސައްކަތްކޮށްފައިވަނީ ކިޔަމަންތެރިކަމާއެކު އެންމެ ގުޅިގެން، އެކަކު އަނެކަކަށް އެހީތެރިވެގެންނެވެ. މި ޢަޒުމާއި ހިތްވަރު ކުރިއަށްއޮތްތަނުގައިވެސް އަޅުގަނޑުމެން ދައްކަން އެބަޖެހެއެވެ. އުފާވެރި ދުވަސްތަކެއް ލިބެންއޮތީ އޭރުންނެވެ.