ޚަބަރު

ހާމިދު އިސްމާޢީލްގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި


މަނީ ލޯންޑަރިންގެ ތުހުމަތުގައި ފުލުހުން ހައްޔަޔަރުކޮށްފައިވާ މ. ޝޫރާމަންޒިލް، ހާމިދު އިސްމާއީލްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފިއެވެ.ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ، ޓުއަރިޒަމް މިނިސްޓްރީން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްޤީކުރުމަށް ވިއްކި ރަށްތަކުން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވުމުގައި ބައިވެރިވުމާއި އަދި އެމައްސަލައާއި ގުޅުންހުރި މަނީ ލޯންޑްރިންގ ގެ މައްސަލައެއްގައެވެ.އެގޮތުން ޓުއަރިޒަމް މިނިސްޓްރީން އެމް.އެމް.ޕީ.އާރ.ސީއަށް ލީޒް ކުރި ރަށެއްގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހީލަތްތެރި ގޮތެއްގައި ހާމިދުގެ މަސްލަހަތު އޮންނަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ފުލުހުން ތުހުމަތުކުރެއެވެ.ފުލުހުން މިދިޔަ ހުކުރު ދުވަހު އޭނާ ހައްޔަރުކޮށްފައިވަނީ ކުރިންވެސް ފުލުހުންގެ ބެލުމުގެ ދަށުގައި 20 ދުވަހު ބެހެއްޓުމަށްފަހުގައެވެ. ކުރިން ހާމިދު ހައްޔަރުކޮށްފައިވަނީ މެލޭޝިޔާގައި ހުއްޓައި، މެލޭޝިޔާ ފުލުހުންނާ ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެހެންނަމަވެސް އޭރު އޭނާ ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ޕީ.އެސް.އެމްއަށް ކަށަވަރު ވެފައިވާ ގޮތުގައި ހާމިދު ކުރިން ހައްޔަރުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް އިންޒާރުދިންކަމުގެ ތުހުމަތުގައެވެ. ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ސެޕްޓެމްބަރ 28 ވަނަ ދުވަހު ދިން ހަމަލާއާގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަޙްޤީޤްގުގެ ތެރޭގައި އެމް.އެމް.ޕީ.އާރ.ސީގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މިމައްސައިގައި އެމް.އެމް.ޕީ.އާރ.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައެވެ. ރައީސަށް ދިން ހަމަލާގައި ބައިވެރިވެ ދައުލަތަށް ޣައްދާރުވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަހުމަދު އަދީބުގެ ބައިވެރިވުންވެސް ކޮރަޕްޝަންގެ މިމައްސަލައިގައި އޮތްކަމަށް ތުހުމަތު ކުރެވޭކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.