ޚަބަރު

ކޯވިޑް-19 : ދުވަސްތަކަކަށްފަހު ޕޮޒިޓިވްވި މީހުންގެ އަދަދު 500އިން ދަށަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 500އިން ދަށްވެ، 1700 އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ 432 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 249 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 154 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 29 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 66948އަށް އިތުރުވެފައެވެ.

މެއި މަސް ނިމުނުއިރު ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 24000އިން މަތީގައި ހުރިނަމަވެސް، މިހާރު ބަލިޖެހިގެން ރިޕޯޓުކުރާ އަދަދު ކޮންމެވެސް ވަރަކަށް ދަށްވަމުންދާތީއާއި ކޮންމެ ދުވަހަކު ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވެފައިވުމުގެ ސަބަބުން މިހާރު މިބަލީގައި ފަރުވާ ހޯދާމީހުންގެ ޢަދަދު ވަނީ 21000 އަށް ދަށްވެފައެވެ. އެގޮތުން މިބަލީގައި މިހާރު ފަރުވާ ހޯދާ މީހުންގެ ޢަދަދު އުޅެނީ 21032ގައެވެ.

ރާއްޖޭގައި ކޯވިޑް-19އަށް އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 200އިން ދަށްވުމަށްފަހު އަނެއްކާވެސް މިވަނީ ކޮންމެވެސްވަރަކަށް އިތުރުވެފައެވެ. އެގޮތުން މިހާރު އެޑްމިޓްކޮށްގެން ފަރުވާދެމުންގެންދަނީ 213 މީހުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1771 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 45730 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް 4056 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. އަދި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 177 މީހަކު ވަނީ ނިޔާވެފައެވެ. އެއީ 160 ދިވެހިންނާއި 17 ބިދޭސީންނެވެ.