ޚަބަރު

މެލޭޝިއާ މުބާރާތުގެ ކުރިން ޤައުމީ ކުރިކެޓް ޓީމު ލަންކާގައި ކޭމްޕުކުރަނީ


  • ޓީމު ލަންކާގައި ކޭމްޕް ކުރާނީ މިމަހުގެ 27 ވަނަ ދުވަހު

  • އެކަށީގެންވާ ޕިޗެއް ނެތުމަކީ ކުރިކެޓް ޢާއިލާގެ ކަންބޮޑުވުމެއް

އައިސީސީ މެންސް ޓީ 20 ވޯލްޑްކަޕް 2028، އޭޝިއަން ސަބް ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގައި ވާދަކުރުމުގެ ކުރިން ޤައުމީ ކުރިކެޓް ޓީމުން ސްރީލަންކާގައި ކޭމްޕުކުރުމަށް ހަމަޖައްސައިފިއެވެ.

އަންނަމަހުގެ 3 އިން 15 އަށް މެލޭޝިއާގައި ބާއްވާ މުބާރާތަށް ޤައުމީ ޓީމުން ތައްޔާރުވަމުން އަންނައިރު، ފަރިތަކުރުންތައް ކުރިއަށްދަނީ މާފަންނު ކުޅިވަރު އެކުވެނީ ކޯޓުގައެވެ. އެހެންނަމަވެސް ކޯޓުގެ ވިނަގަނޑު ހަލާކުވެފައި އޮތުމުގެ ސަބަބުން ބޯޅަ ބައުންސްވުންފަދަ އުނދަގޫތަކާއި ކުރިމަތިލާންޖެހޭކަން، ޕީއެސްއެމް ނިއުސްއަށްދިން އިންޓަވިއުއެއްގައި ޤައުމީ ކޯޗު އަސަދުﷲ ޚާން، ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ލަންކާއަށް ކުރާ ދަތުރަކީ އެކަށީގެންވާ ޕިޗަކަށް ކުޅުންތެރިން ހޭނުވުމަށް ކުރާ މުހިންމު ދަތުރެއްކަމަށް ކޯޗު ބުނެފައިވެއެވެ.

"މުބާރާތަށް ތައްޔާރުވުމުގެ ކުރިން ލަންކާގައި ކޭމްޕްކުރުމަށްވަނީ ހަމަޖެހިފަ. ބޭނުމަކީ ޕިޗަށް ހޭނިލުން. ރާއްޖޭގައި އެކަށީގެންވާ ޕިޗެއް ނެތުމުން، މިފަދަ ކޭމްޕެއްގެ މުހިންމުކަން ބޮޑު. ލަންކާގައި ބާއްވާ ޓްރޭނިންތަކުގެ ތެރެއިން މިކުޅުންތެރިން ފެންވަރު އިތުރަށް ވަޒަންކޮށްލުމުގެ ފުރުސަތު ފަހިވެގެންދާނެ. އުންމީދަކީ މި ޓްރޭނިންތަކަށްފަހު ޓީމުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދިއުން" ކޯޗު ބުންޏެވެ.

ޤައުމީ ޓީމު ލަންކާގައި ކޭމްޕްކުރުމަށް ފުރާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޭމްޕްގައި 14 ކުޅުންތެރިން ބައިވެރިވާއިރު، ޤައުމީ ޓީމު މުބާރާތަށް ފުރާނީ ލަންކާ މަގުންނެވެ. މި ކޭމްޕަށްފަހު ކުޅުންތެރިންގެ ފެންވަރު ބެލުމަށްފަހު އައިސީސީ މެންސް ޓީ 20 ވޯލްޑްކަޕް 2028، އޭޝިއަން ސަބް ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގައި ވާދަކުރާނެ ޤައުމީ ސްކޮޑު ކަނޑައަޅާނެކަމަށް ކޯޗް މައުލޫމާތުދީފަވެއެވެ.

މިމުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީ ގައި ހޮންގކޮންގ، މެލޭޝިއާ، ސިންގަޕޫރު، ސައުދީއަރަބިއްޔާ، ކެމްބޯޑިއާ އަދި ޗައިނާއާއެކުގައެވެ.