ޚަބަރު

"އަމާޒަކީ ރޭންކިން ކުރިއަރުވައި، ކެޓަގަރީން ރަން މެޑައްޔެއް"


  • ޗެސް އޮލިމްޕިއާޑް ކުރިއަށްދާނީ 15 އިން 28 އަށް

  • ފުރަތަމަ މެޗުގައި ރާއްޖޭގެ އަންހެން ޓީމު ވާދަކުރާނީ މިސްރާ ދެކޮޅަށް

  • ފިރިހެން ޓީމުގެ ފުރަތަމަ މެޗު އޮތީ ޕޯޗުގަލްއާ ދެކޮޅަށް

46 ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑްގައި ޤައުމީ ޓީމުން ވާދަކުރަމުންދާއިރު އަމާޒަކީ ރޭންކިން އިތުރަށް ކުރިއަރުވާ، ވާދަކުރަމުންދާ ކެޓަގަރީއިން ރަން މެޑައްޔެއް ހޯދުންކަމަށް ރާއްޖޭގެ އެއްވަނަ ރާޒުވާ ކުޅުންތެރިޔާ މުހައްމަދު ޝުޢާއު ބުނެފިއެވެ.

މުބާރާތަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އުންމީދީ އެތުލީޓު ބުނެފައިވަނީ ޤައުމީ ރާޒުވާ ޓީމުން ދިގު މުއްދަތަކަށް ކުރިއަށްގެންދިޔަ ފަރިތަކުރުންތަކަކަށްފަހު މުބާރާތާ ކުރިމަތިލަނީ ކެޓަގަރީއިން އެއްވަނަ ހާސިލްކުރުމުގެ އަޒުމުގައިކަމަށެވެ. އަދި މުބާރާތުގެ ތެރެއިން ކުޅުންތެރިންގެ ރޭންކިން މައްޗަށް ޖައްސާލުމަށްވެސް ގަދައަޅާ މަސައްކަތްކުރާނެކަމަށް ޝުޢާއު ބުނެފަވެއެވެ.

"މިފަހަރުގެ ޓާގެޓަކީ މިހާރަށްވުރެވެސް ރޭޓިން މައްޗަށް ޖެއްސުން މެއިންލީ. ޓީމު ހިމެނެނީ ކެޓަގަރީ ޑީ ގައި. އެހެންވީމަ ހުރިހާ ކަމެއް ރަނގަޅަށް ގޮއްސިއްޔާ ކެޓަގަރީއިން އެއްވަނަ ނެގޭތޯ ބަލާނީ" ޝުޢާއު ބުންޏެވެ.

2023 ވަނަ އަހަރު ކުރިއަށްދިޔަ 45 ވަނަ ޗެސް އޮލިމްޕިއާޑުގައިވެސް ރާއްޖޭގެ ޤައުމީ އެތުލީޓުންވަނީ ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯދާފައެވެ. އެމުބާރާތުގައި ރާއްޖޭގެ އީވާ ވަނީ 7 ގޭމުން 7.5 ސްކޯކޮށް، ވިމެން ފިޑޭ މާސްޓާ (ޑަބްލިއުއެފްއެމް) ހާސިލްކޮށް، މުބާރާތުގެ ތެރެއިން އެންމެ މަތީ ރޭޓިންއެއް ހޯދި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
މީގެ އިތުރުން ފިރިހެން ޓީމުވެސް ކެޓަގަރީއިން ރަން މެޑައްޔެއް ހޯދިއިރު، އަންހެން ޓީމަށް މެޑައްޔަކާ ހަމައަށް ނުދެވުނީ ހަނި ފަރަގަކުންނެވެ.

200 ވަރަކަށް ޤައުމުން 1800 އެއްހާ އެތުލީޓުން ވާދަކުރާ ޗެސް އޮލިމްޕިއާޑު ކުރިއަށްދަނީ 5 ކެޓަގަރީއަކަށް ޤައުމުތައް ބަހާލައިގެންނެވެ. އެގޮތުން ކެޓަގަރީތައް ބަހާލާފައިވަނީ އެންމެ މަތިން ފެށިގެން އެންމެ ބަލި ޤައުމުތައް ތަރުތީބުވާގޮތަށެވެ. ޗެސް އޮލިމްޕިއާޑުގައި ޤައުމީ އަންހެން ޓީމު އީ ކެޓަގަރީގައި ވާދަކުރާއިރު، އޯޕަން ކެޓަގަރީގައި ރާއްޖެއިން ވާދަކުރަނީ ޑީ ކެޓަގަރީގައެވެ.

މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ފުރަތަމަ ވާދަކުރަންޖެހެނީ މިސްރާއެވެ. އަދި ފިރިހެން ޓީމުގެ ފުރަތަމަ މެޗު އޮތީ ޕޯޗުގަލްއާދެކޮޅަށެވެ.

ޤައުމީ ރާޒުވާ ޓީމުގެ 10 ކުޅުންތެރިން ވާދަކުރަމުންދާ 46 ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑް މިއަހަރު ކުރިއަށްދަނީ އުޒްބެކިސްތާނުގެ ސިލްކް ރޯޑް ސަމަރކަންޑް ކޮމްޕްލެކްސްގައެވެ.