ޚަބަރު

ޔަހޫދީން އިބްރާހީމީ މިސްކިތް ބަންދުކޮށް، އަޅުކަން ކުރުމަށް ހުރަސްއަޅައިފި


ޔަހޫދީންގެ ޢީދަކާ ގުޅުވައި، ސިފައިން އިބްރާހީމީ މިސްކިތް ބަންދުކޮށް، މުސްލިމުން އަޅުކަންކުރުމަށް އަނެއްކާވެސް ހުރަސްއަޅައިފިއެވެ.

ޔަހޫދީން ހިސާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ދެކުނުގައިވާ ޚަލީލް ސިޓީގައި ހުންނަ ތާރީޚީ އިބްރާހީމީ މިސްކިތް، ޣައިރުޤާނޫނީ ޔަހޫދީ ވަޒަންވެރިންގެ އީދު ފާހަގަކުރުމުގެ "ސަލާމަތީ ފިޔަވަޅެއް" ކަމަށް ބުނެ، މުސްލިމުންނަށް ނުވަދެވޭ ގޮތަށް ބުރާސްފަތި ދުވަހުގެ ނިޔަލަށް ޔަހޫދީ ސިފައިން ބަންދުކޮށްފިއެވެ.

ބުދަ ދުވަހު ފަލަސްޠީނުގެ ދީނީ ކަންކަމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި މި ފިޔަވަޅު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އަދި މިސްކިތްތަކުގެ ހުރުމަތް ކެނޑުމާއި، މުސްލިމުންނަށް އަޅުކަންކުރުމަށް ހުރަސްއެޅުމަށް ހިންގާ މިފަދަ ޖަރީމާތައް ހުއްޓުވައި، ދީނީ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކަށް އެ ވުޒާރާއިން ވަނީ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.

އިބްރާހީމީ މިސްކިތުގެ ޑިރެކްޓަރު މުޢުތަޞިމް އަބޫ ސުނައިނާ ވިދާޅުވީ، މިސްކިތް ބަންދުކުރުމަކީ އިސްތިއުމާރީ ބާރުތަކުން މަސްރަޙު ގޯސްކޮށް، މިސްކިތުން ބާކީ އޮތް ބައިވެސް ފޭރިގަތުމަށް ހިންގާ ނުރައްކާތެރި ރޭވުމެއްގެ ބައެއް ކަމަށެވެ. އަދި އިބްރާހީމީ މިސްކިތުގެ އެންމެހައި ހޯލްތަކާއި ގޯތިގެދޮރަކީ ހަމައެކަނި މުސްލިމުންގެ ޙައްޤެއް ކަމަށާއި، ޔަހޫދީންގެ މި ޢަމަލަކީ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަޅުކަންކުރުމުގެ މިނިވަންކަމަށް ފާޅުކަން ބޮޑު ގޮތެއްގައި އަރައިގަތުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މިސްކިތް ބަންދުކުރުމުގެ އިތުރުން، ޔަހޫދީ ސިފައިން ވަނީ އެ ސަރަޙައްދުގައި އަސްކަރީ ފިޔަވަޅުތައް ވަރުގަދަކޮށް، ސަރަޙައްދަށް ވަދެނިކުތުމަށް ހުރި ސަލާމަތީ ކަރަންޓު ގޭޓުތަކާއި ބަލައި ފާސްކުރާ ސަރަހައްދުތައް ބަންދުކޮށްފައެވެ. މީގެ ސަބަބުން އިބްރާހީމީ ފިރިހެން ކުދިންގެ ސްކޫލާއި އަލް-ފައިޙާ އަންހެން ކުދިންގެ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުންނަށް ސްކޫލަށް ދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ފަލަސްޠީނުގެ މަސްދަރުތަކުން ރިޕޯޓުކުރެއެވެ. މި ފިޔަވަޅުތަކާ ގުޅިގެން އިބްރާހީމީ ސްކޫލުގެ ކިޔެވުން މުޅިން ހުއްޓިފައިވާއިރު، އަލް-ފައިޙާއާ ސްކޫލުގެ ކިޔެވުމަށްވެސް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.

އިބްރާހީމީ މިސްކިތް ހުންނަނީ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށުގައިވާ ކުރީގެ ހެބްރޮން ސިޓީގައެވެ. އެ ސަރަޙައްދުގައި 1,500 އެއްހާ ޔަހޫދީ ސިފައިންގެ ޙިމާޔަތުގައި ޣައިރުޤާނޫނީ 400 ވަޒަންވެރިން ދިރިއުޅެމުންދެއެވެ. 1994 ވަނަ އަހަރު ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިއަކު އަޅުކަމުގައި ތިބި ފަލަސްޠީނުގެ 29 މުސްލިމުން ޝަހީދުކޮށްލި ހަމަލާއަށްފަހު، ޔަހޫދީން ވަނީ މިސްކިތް ދެބަޔަށް ބަހާލައި، މިސްކިތުގެ %63 ޔަހޫދީންގެ އަޅުކަމަށް އަދި %37 މުސްލިމުންނަށް ޚާއްޞަކޮށްފައެވެ.