ސިއްހަތު

" ޞިއްޚީ ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް މަދުކުރެވިއްޖެ "


ރާއްޖޭގެ
އެކިކަންކޮޅުތަކުގައި ދެވޭ ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމަށް ކުރެވެމުންދާ
މަސައްކަތުގެ ނަޠީޖާއެއްގެ ގޮތުން ޞިއްޙީ ޚިދުމަތް ހޯދުމަށް އެއްތަނުން
އަނެއްތަނަށް ދަތުރު ކުރަންޖެހޭ މިންވަރު މަދުކުރެވި އަދި ޚިދުމަތް ހޯދަންއައިސް
ހޭދަކުރަންޖެހޭ ވަގުތު މަދުކުރެވިފައިވާކަމަށް ހެލްތް މިނިސްޓަރ އިރްތިޝާމް އާދަމް
ވިދާޅުވެއްޖެއެވެ.



ޞިއްޚީ ދާއިރާގެ
ތަރައްޤީއަށް އަންނަ އަހަރުގެ ބަޖެޓްގައި 3.9 ބިލިޔަން ކަނޑައަޅާފައިވާއިރު މީގެ
ތޭރޭގައި ޞިއްޙީ އަދި އިޖްތިމާއީ ކަންކަމަށް 431 މިލިޔަން ކަނޑައަޅާފައިވެއެވެ.

މިގޮތުން
މިދާއިރާއިން އަންނަ އަހަރު 87 މަޝްރޫއެއް ހިންގުމަށް ކަނޑައަޅާފައިވެއެވެ. އަންނަ
އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އައިޖީއެމްއެޗަށް 648 މިލިޔަން ރުފިޔާ
ކަނޑައަޅާފައިވާއިރު އެންސްޕާގެ ޚިދުމަތްތައް ދިނުމަށް 1.5 ބިލިޔަން
ކަނޑައަޅާފައިވެއެވެ. ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން ހެލްތް މިނިސްޓަރ
އިރްތިޝާމް އާދަމް ވިދާޅުވީ މިހާރުވެސް އާސައިންދައިގެން ދަށުން ރާއްޖެއިން ބޭރުން
ފަރުވާދިނުމަށް ބޮޑު އަދެދެއް ހޭދަވަމުންދާކަމަށެވެ. 

މިގޮތުން ފާއިތުވި އަހަރުވެސް
މިކަމަށް އެއްބިލިޔަން ރުފިޔާ ހޭދަވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ބަލިމީހުން ރާއްޖޭން ބޭރަށް ފޮނުވައިގެން ހޭދަވާ ފައިސާގެ
އަދަދު މަދުކޮށް ރާއްޖޭގައި އެޚިދުމަތްތައް ޤާއުމުކުރުމުގެ ގޮތުން އަންނަ އަހަރު
ނެޝަނަލް ޑައިގްނޮސްޓިކް ސެންޓަރެއް ހެދުމަށް ބަޖެޓް ކުރެވިފައިވާކަމަށެވެ.
މިގޮތުން އައިޖީއެމްޗް ކައިރީގައި ފަންސަވީސް ބުރީގެ އިމާރާތެއްކޮށް އެތަނުގައި އެސެންޓަރު
ޤާއިމުކުރެވޭނެކަމަށް މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.



އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމުގެ
ގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން ކޮންމެ ދާއިރާއަކުންވެސް
އަތޮޅުހޮސްޕިޓަލްތަކުގައި ބެކަޕް ޖަނަރޭޓަރ ޤާއިމުކުރުމަށް ލާޒިމްކޮށް މިކަމަށް 17
މިލިޔަން ރުފިޔާ ކަނޑައަޅާފައިވާކަމަށާ، އަދި ބައެއް ހޮސްޕިޓަލުގައިއިންސިނަރޭޓަރު
ބެހެއްޓުމަށް 4 މިލިޔަން ކަނޑައަޅާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަތޮޅުތަކުގެ ހޮސްޕިޓަލްތަކާ ހެލްތް ސެންޓަރުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ
ގޮތުން އެކްޓެންޝަން ޕްރޮގްރާމްގެ ދަށުން އޮޕަރޭޝަން ތިއޭޓަރުތަކާ، ލެބޯޓްރީ އަދި
އައިސީޔޫގެ ޚިދުމަތްފަދަ ޚިދުމަތްތައް ޤާއިމުކުރުމަށް 38.8 ރުފިޔާ ޚަރަދުވާކަމަށް
މިނިސްޓަރ ވިދާޅުވިއެވެ. 

މީގެ އިތުރުން މިހާރުވެސް އަތޮޅުތަކުގެ ޞިއްޚީ
ޚިދުމަތްދޭތަން މަރާމާތުކުރުމާ އާޚިދުމަތްތައް ތަޢާރަފްކުރުމަށް ގިނަ
މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ.