ވިޔަފާރި

އެސްޑީއެފްސީން ބައެއް ދާއިރާތަކަށް ލޯނު ދޫކުރުން އަދިވެސް ވަނީ މެދުކަނޑާލާފައި


އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ ބައެއް ދާއިރާތަކުން ލޯނު ދޫކުރުން އަދިވެސް ވަނީ މެދުކަނޑާލާފައިކަމަށް އެ ބޭންކުން ބުނެފިއެވެ.

ކޯވިޑް19އާ ގުޅިގެން އެސްއެސްއީ ބޭންކުން ދޫކުރާ ލޯނުތަކަށް އެދުމުގެ ފުރުސަތު މިދިޔަ އަހަރުގެ ބޮޑުބައިގައި އެ ބޭންކުން ވަނީ މެދުކަނޑާލާފައެވެ. އެސްއެމްއީ ބޭންކުން ދޫކުރަމުން އައި ލޯނުތައް ދޫކުރުން މެދުކަނޑާލާފައި އޮތުމަށްފަހު މި ލޯނުތަކަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އަދިވެސް ބައެއް ދާއިރާތަކުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިނުވާކަމަށް އެ ބޭންކުން ބުނެއެވެ.

ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާނުލާ ދާއިރާތަކުގެ ތެރޭގައި "ފަށާ ވިޔަފާރި" ލޯނުގެ ދަށުން ކެފޭ، ރެސްޓޯރަންޓް، ރީޓެއިލް ވިޔަފާރި ފެށުމަށް ދޫކުރާ ލޯނު ހިމެނެއެވެ. އަދި "ވިޔަފާރި ތަރައްޤީ" ލޯނުގެ ދަށުން އަލަށް ފަށާ މަޝްރޫއުތަކާއި މިހާރު ކުރާ ވިޔަފާރީގެ އިތުރުން އެހެނިހެން އިތުރު ދާއިރާތަކުގެ ވިޔަފާރި ފުޅާކުރުމަށް ދޫކުރާ ލޯނު ހިމެނެއެވެ. މީގެއިތުރުން "ރަށު ފަތުރު" ލޯނުގެ ދަށުން މިވަގުތު އައު ގެސްޓްހައުސް ޤާއިމްކުރުމަށް ބައެއް ސަރަހައްދުތަކަށް ލޯނު ދޫކުރުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ. އޭގެތެރޭގައި ގްރޭޓަރ މާލެ ސަރަހައްދު، ކ. މާފުށި، ކ. ތުލުސްދޫ، އަދި ކ. ދިއްފުށި ހިމެނެއެވެ.

މި ދާއިރާތަކުން ލޯނު ދޫކުރުން މެދުކަނޑާލާފައިވީނަމަވެސް އެހެނިހެން ދާއިރާތަކުން އެސްއެމްއީ ބޭންކުން އަންނަނީ މިހާރުވެސް ލޯނު ދޫކުރަމުންނެވެ. އަދި ކޯވިޑަށްފަހު ލޯނަށް އެދޭ މީހުންގެ އަދަދުވެސް އިތުރުވެފައިވާކަމަށް އެ ބޭންކުން ބުނެއެވެ.

2020 ވަނަ އަހަރު ގިނައިން ދޫކޮށްފައިވަނީ ސަރުކާރުގެ އިޤްތިޞާދީ ރިކަވަރީ ޕެކޭޖްގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން ކޯވިޑް-19 ވިޔަފާރި އެހީގެ ނަމުގައި ތައާރަފް ކޮށްފައިވާ ލޯނުކަމަށް އެސްއެމްއީ ބޭންކުން ބުނެއެވެ.

އެސްއެމްއީ ބޭންކުން ޖުމްލަ 6 ދާއިރާއަކުން އަންނަނީ ލޯނު ދޫކުރަމުންނެވެ. އެއީ ފަށާވިޔަފާރި، ވިޔަފާރި ތަރައްޤީ، ހަރުމުދާ، ދަނޑުވެރި ނަފާ، ވިޔަފާރި އެހީ އަދި ރަށު ފަތުރު ލޯނެވެ. އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަނަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ.

އެސްޑީއެފްސީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި ވިޔަފާރި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ތަފާތު އިޤްތިޞާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމުގެ މަސައްކަތް އެސްޑީއެފްސީން ދަނީ ކުރަމުންނެވެ.