ކޯވިޑް-19

ހުޅުމާލޭ ވެކްސިން ސެންޓަރުންވެސް މިހާރު ކޮވިޝީލްޑް ވެކްސިން ޖެހޭނެ


ސޯޝަލް ސެންޓަރުގެ އިތުރުން ހުޅުމާލޭ ވެކްސިން ސެންޓަރުގައި ކޮވިޝީލްޑް ވެކްސިން ޖެހޭނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ މަހުގެ 1 އިން 7އަށް ކޮވިޝީލްޑް ވެކްސިންޖެހި މީހުންނަށް ސޯޝަލް ސެންޓަރުގައި ދަނީ ވެކްސިން ދެމުންނެވެ. މިއީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ވެކްސިން ޖެހި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ ފަހު ހަފްތާއެވެ. އެއީ ފެބްރުއަރީމަހުގެ 1 އިން 7 އަށް ވެކްސިންގެ ފުރަތަމަ ޑޯޒްއަށްފަހު މިހަފްތާގެ ނިޔަލަށް 12 ހަފްތާ ހަމަވާނެތީއެވެ.

ކޮވިޝީލްޑް ވެކްސިންއަކީ ވެކްސިންގެ ފުރަތަމަ ޑޯޒްއަށްފަހު 4 ހަފްތާއާއި 12 ހަފްތާއާއި ދެމެދު ވެކްސިންގެ ދެވަނަ ޑޯޒް ޖަހަންޖެހޭ ވެކްސިނެކެވެ. ރާއްޖޭގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ފަށާފައިވަނީ 8 ވަނަ ހަފްތާއިން ފެށިގެންނެވެ. އެއީ ވެކްސިންގެ އެންމެ އިފެކްޓިވްކަމަށް ގިނަ ދިރާސާތަކުން ދައްކާ މުއްދަތުކަމަށް މީގެ ކުރިން އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ މި ދެ ސެންޓަރުން ކޮވިޝީލްޑުގެ ދެވަނަ ޑޯޒު ޖަހާނީ ވެކްސިން ޖެހުމަށް ކިޔުއަށް އަންނަ މީހުންގެ ތަރުތީބުންކަމަށެވެ. އަދި އޮންލައިންކޮށް ސޯޝަލް ސެންޓަރާއި ހުޅުމާލޭ ވެކްސިން ސެންޓަރުގައި ނަމްބަރު ދޫނުކުރާނެކަމަށް ވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.