ޔަހޫދީ ފައުޖުން ސޫރިޔާގެ ދެކުނަށް ދިން ނިރުބަވެރި ޙަމަލާތަކަކާ ގުޅިގެން، ދެރާޢު ޕްރޮވިންސްގައި ދިރިއުޅޭ ޢާންމުންނަށް ގެދޮރު ދޫކޮށް ރައްކާތެރިކަން ހޯދުމަށް މަޖުބޫރުވެއްޖެއެވެ. މި ނުރައްކާތެރި ޙަމަލާތައް އަމާޒުކޮށްފައިވަނީ ޔަހޫދީން އަތްގަދަކޮށްފައިވާ ޖޫލާންގެ އުސްބިންތަކާއި އެ ސަރަޙައްދުގައި އޮތް އަވަށްތަކަށެވެ. ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި، މިއީ ސޫރިޔާގެ ސިޔާދަތާއި އިސްތިޤުލާލަށް އަރައިގަތުމުގެ ފާޅުކަންބޮޑު ޖަރީމާއެއްގެ ގޮތުގައި އެ ވުޒާރާއިން ސިފަކުރިއެވެ.
ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތައް ދީފައި ވަނީ ދެރާޢު ޕްރޮވިންސްގެ ހުޅަނގުގައި އޮންނަ ޢަބްދަޔިން އަވަށަށެވެ. ޙަމަލާތައް ފެށުނީ ޔަހޫދީންގެ އިސްތިޢުމާރީ ލަޝްކަރެއް އެ އަވަށަށް ވަނުމަށް މަސައްކަތް ކުރުމުން، އެ ކަމަށް އެ އަވަށުގެ ރައްޔިތުން ހުރަސްއެޅުމާ ގުޅިގެންނެވެ. އެއަށްފަހު، ޔަހޫދީންގެ ސިފައިން ވަނީ ބަރުހަތިޔާރު ބޭނުންކޮށް ޢާންމުންގެ ގެދޮރަށް ޙަމަލާދީފައެވެ. މީގެ ސަބަބުން، ގެދޮރު ދޫކޮށް ރައްކާތެރިކަން ހޯދުމަށް ކައިރީގައި އެހެން އަވަށްތަކަށް ދަތުރުކުރުމަށް ޢަބްދަޔިންގެ ރައްޔިތުންނަށް މަޖުބޫރުވިއެވެ. ޔަހޫދީ ސިފައިން އެ ސަރަޙައްދުން ފޭބުމުން، އެ މީހުން އެނބުރި ގެދޮރަށް ގޮސްފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
2024 ވަނަ އަހަރުގެ ފަހުކޮޅު ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ވައްޓައިލި ފަހުން، ޔަހޫދީން ވަނީ ސޫރިޔާގެ ދެކުނުގެ ބައެއް ބިންތަކަށް ވެރިވެގަނެ، އެ ސަރަޙައްދުގައި ދިރިއުޅޭ ޢާންމުންނަށް ދެމުންދާ ޙަމަލާތައް އިތުރުކޮށްފައެވެ. ފާއިތުވި މަހު އެކަނި ވެސް ދެރާޢު އަދި ޤުނަޔިޠިރާގައި ޔަހޫދީން ވަނީ 300 އެއްހާ އަސްކަރީ ޢުދުވާން ހިންގާފައެވެ. މީގެ އިތުރުން، ޔަހޫދީންގެ ހައްދުފަހަނައެޅި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒު ވަނީ، ސޫރިޔާގައި ޔަހޫދީ އިސްތިޢުމާރީ ސިފައިން ހިފާފައިވާ ބިންތަކުގައި ވަކި މުއްދަތެއް ނެތް ގޮތަށް ދެމިތިބޭނެކަމުގައި ފާޅުގައި ބުނެފައެވެ.
ސޫރިޔާގެ ދެކުނަށް ޔަހޫދީން ދެމުންގެންދާ ޙަމަލާތަކުގެ ސަބަބުން، 13 އަހަރުގެ ދިގު އަހުލީހަނގުރާމައަށް ފަހު އާރާސްތުކުރުމުގެ މަސައްކަތް ފަށާފައިވާ އެ ޤައުމުގައި ދަނީ އިތުރު ހަމަނުޖެހުންތައް އުފެދެމުންނެވެ. ސޫރިޔާގެ މިހާރުގެ ސަރުކާރާ ގާތްގުޅުމެއް އޮންނަ ތުރުކީވިލާތުން ވެސް ވަނީ ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ކުށްވެރިކޮށްފައެވެ. ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ސޫރިޔާގެ ރައްޔިތުންގެ ފުރާނައާއި މުދަލަށް ގެއްލުންދޭ މި ޙަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ޖަރީމާތަކެއް ކަމުގައެވެ. އަދި، މި ފަދަ ޙަމަލާތައް ވަގުތުން ހުއްޓުވުމަށާއި، މިކަމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ވެސް އެ ޤައުމުން ވަނީ ގޮވައިލާފައެވެ.