ޚަބަރު

ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ސަޢުދީއާއި މަޝްވަރާކުރައްވައިފި


  • ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް މަޝްވަރާކުރި

ރާއްޖެއާ ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުމާއި، ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ސަޢުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިންނެވެ. މި ދަތުރުފުޅަކީ ސަޢުދީގެ ޑިފެންސް މިނިސްޓަރ ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ދަތުރުފުޅުގެތެރެއިން ވަޒީރު ޙަސަން ރަޝީދުވަނީ ސައުދީގެ ޑިފެންސް މިނިސްޓަރ ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދާ ބައްދަލުކުރައްވާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްރަޙުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުންނާއި، ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ސައުދީ އަރަބިއްޔާއަށް ވަޒީރު ޙަސަން ރަޝީދު ކުރައްވަމުންދާ ދަތުރުފުޅުގައި ވަނީ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) ގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑަރ މޭޖަރ ޖެނެރަލް ޢަބްދުﷲ ބިން ޙާމިދު އަލް-ޤުރައިޝީއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ހިންގައި ދެފަރާތުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.