ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނާއިލާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އަލާސްކަންފުޅާއި އުޅުއްވުމަށްފަހު މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލުގައެވެ.
ނާއިލާ އިބްރާހިމް ކަލޭފަނަކީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، އަދި އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުންނެވެ. އެކަމަނާއަށް ލިބިވަޑައިގެންފައިވާ ބޭފުޅުންނަކީ ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ލުބްނާ ޒާހިރު ހުސައިންއާއި، މީރާ ބޯޑުގެ ޑެޕިއުޓީ ޗެއަރޕާސަން ލީނާ ޒާހިރު ހުސައިންއާއި މީޑިއާގެ ދާއިރާއިން ފާހަގަކޮށްލެވޭ ވާއިލް ޒާހިރު ހުސައިންއެވެ. މީގެއިތުރުން އެކަމަނާއަކީ ކުރީގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފާނާއި، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްގެ ދައްތާފުޅެވެ. އެކަމަނާގެ ބައްޕާފުޅަކީ 1950 ވަނަ އަހަރުން ފެށިގެން 1980 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ހުންނެވި އެންމެ މުއްސަނދިމީހާކަމަށްވާ ދިއްދޫ އިބްރާހިމް ކަލޭފާނެވެ.
ނާއިލާގެ ޚިދުމަތްތައް ތައުލީމީ ދާއިރާއިންނާއި އިޖްތިމާއީ ދާއިރާއިން ފާހަގަވެފައިވާއިރު، އެކަމަނާ ވަނީ 1970 ވަނަ އަހަރުން ފެށިގެން 25 އަހަރު ވަންދެން އަމީނިއްޔާ ސްކޫލްގެ ޓީޗަރުކަންކޮށްފައެވެ. މީގެއިތުރުން އެކަމަނާއަކީ ކުރީގެ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އިސްކޮށް ހުންނަވައިގެން އުފެއްދި ސޯސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، ޝީގެ ފައުންޑަރ މެމްބަރެކެވެ. މީގެއިތުރުން ކެއްކުމާއި ގުޅުންހުރި ފޮތްތައްވެސް އެކަމަނާ ޝާއިޢުކޮށްފައިވެއެވެ.