އޭއެފްސީ ކަޕްގެ ކޮލިފައިންގައި އިއްޔެ ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނުކަމަށް އީގަލްސްގެ ކޯޗު މުހަންމަދު ޝާޒްލީ ބުނެފިއެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޝާޒްލީ ބުނީ ރަނގަޅު ކުޅުމެއް ދެއްކުމަށް ވުރެ ބޮޑަށް ފޯކަސް ކުރީ ނަތީޖާ ނެރުމަށް ކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަޖެހޭ ކަމަށެވެ. ޝާޒް ބުނީ އޭއެފްސީ ކަޕް ކަހަލަ ނަތީޖާ ނެރެން ކުޅޭ މުބާރާތެއްގައި ފޯކަސް ކުރަން ޖެހޭނީ އެކަމަށް ކަމަށެވެ. އީގަލްސްގެ 31 އަހަރުވީ ތާރީހުގައި އޭއެފްސީ ކަޕްގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވުމަކީ ވެސް ހިތްހަމަޖެހުމެއް ކަމަށް ޝާޒް ބުންޏެވެ. އަދި މި މެޗުން މޮޅުވުމުގައި ހޯމް އެޑްވާންޓޭޖް ނެގުނު ކަމަށް ޝާޒް ބުންޏެވެ. ޝާޒް ބުނީ އެ ހުރިހާ ކަމަކަށް ބަލާއިރު މެޗުގެ ނަތީޖާ ގޯހެއް ނޫން ކަމަށެވެ.
"ދެން ފެށިއިރު ވެސް އެނގޭ ތިމްޕޫ އަކީ ދަށް ޓީމެއް ނޫން. މޮޅު ޓީމެއް. އޭގެ އެބަތިބި ވަރަށް ރަނގަޅު ނެޝަނަލް ޕްލޭޔަރުން" ޝާޒް ބުންޏެވެ.
ކޮލިފައިން ފުރަތަމަ މެޗުގައި ތިމްޕޫ އަތުން އީގަލްސް އިއްޔެ މޮޅުވީ 2-0 އިންނެވެ