މިމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް، އަތޮޅު ކޮމްޕްލެއިންސް ބިއުރޯ ޤާއިމްކޮށްފިއެވެ.
އަތޮޅު ކޮމްޕްލެއިންސް ބިއުރޯތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ކޮމްޕްލެއިންސް ބިއުރޯ ގާއިމްވުމުން އަތޮޅުތަކުގައި އިލެކްޝަނާއި ގުޅިގެން ހުންނަ މައްސަލަތަކަށް ހައްލު ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަތޮޅު އިލެކްޝަންސް ބިއުރޯއާއިއެކު އެއަތޮޅެއްގެ ރަށްތަކުގައި އިންތިޚާބާއި ގުޅިގެން ދިމާވާ ހުރިހާ ޝަކުވާއެއް އެބިއުރޯއަކަށް ހުށަހެޅުމަށްފަހު، އަތޮޅު ބިއުރޯއިން މައްސަލަތަކަށް ހައްލު ހޯދައިދޭނެކަމަށެވެ. އަދި އަތޮޅު ބިއުރޯއިން ހައްލު ނުކުރެވޭ ޝަކުވާތައް މާލޭގެ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައިގެން ހައްލު ކުރެވިގެންދާނެކަމަށް ހަބީބު ވިދާޅުވިއެވެ.
އަތޮޅު ކޮމްޕްލެއިންސް ބިއުރޯގައި ތިން މެމްބަރުން ތިއްބަވާނެއެވެ. ކޮންމެ އަތޮޅެއްގައި ކޮމްޕްލެއިން ބިއުރޯ ގާއިމް ކުރުމުގެ އިތުރުން މާލެ ސިޓީ ފިޔަވައި އެހެން ހުރިހާ ސިޓީތަކެއްގައިވެސް ސިޓީ ކޮމްޕްލެއިންސް ބިއުރޯ ގާއިމް ކުރެވިގެންދާނެއެވެ. މާލޭގައި ޝަކުވާ ހުށަހަޅާނަމަ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
ކޮމްޕްލެއިންސް ބިއުރޯތަކަށް ޝަކުވާ ހުށަހަޅާނީ އެކަމަށް ޚާއްސަ ކޮށްފައިވާ ފޯމު މެދުވެރިކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ހުރިހާ ސަރަހައްދެއްގައި ކޮމްޕްލެއިންސް ބިއުރޯ ގާއިމްކޮށްފައިވާއިރު އިއްޔެ ވަނީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށާފައެވެ.
މިމަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަމުން އަންނައިރު، މިފެށޭ ހަފްތާގައި ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.