ޚަބަރު

"މަސްތުވާތަކެތީގެ ހަވާސާގައި ދިމާވާ މައްސަލަތައް އެ ވަބާއަށް ވުރެ ބޮޑު"


  • މިފަދަ ފަރާތްތަކާމެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކުރަންޖެހޭކަމަށް ވިދާޅުވި

  • ވަޒީފާގެ ފުރުޞަތުތައް މި ފަރާތްތަކަށް ލިބެން ޖެހޭކަން ފަހާގަކުރެއްވި

މަސްތުވާތަކެތީގެ ހަވާސާގައި ދިމާވާ މައްސަލަތަކީ އެ ވަބާއަށް ވުރެ ބޮޑު މައްސަލަތަކެއް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިޙްސާން ވަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް މަސައްކަތް ކުރާ މީހުންނާމެދު އަދިވެސް މުޖުތަމައުއިން އަމަލުކުރަނީ ރަނގަޅަށް ނޫންކަން ފާހަގަކުރައްވާފައެވެ.

ޑްރަގްގެ ވަބާގައި ދާއިމީ ގޮތެއްގައި ޖެހިފައިވާ މީހުންނާމެދު ދެކޭ ދެކުމުގެ ސަބަބުން އެ ވަބާއިން ސަލާމަތްވާ މީހުން ބަލައިނުގަނެ، އެ މީހުންނަށް ގޮންޖެހުމަކަށް ވާގޮތަށް އަމަލުކުރާ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ. އެފަދަ މީހުން ދާއިމީ ގޮތެއްގައި ރަނގަޅު ދިރިއުޅުމެއް އުޅުމުގައި ވަޒީފާ ދޭ މީހުންނާއި، ވަޒީފާ އުފައްދާ މީހުންނާއި، ފަރުދުންގެ ޒިންމާ ބޮޑުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ވަޒީފާގެ ފުރުޞަތުތައް މި ފަރާތްތަކަށް ލިބެން ޖެހޭ. ހިނގާށޭ މިފަދަ ދަތި ހާލަތަކުން އަރައިގަތަތީ ޝުކުރުވެރިވެ ބަލައިގަންނަން އެ މީހުން." ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މިފަދަ ޕްރޮގްރާމެއް ޑްރަގް ކޯޓުގެ އިސްނެގުމާއެކު ކުރިއަށް ގެންދެވުމަކީ ނަމޫނާ މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި އެ ކޯޓުން ދައްކާފައި ވަނީ ޚާއްސަ ލޮތްބެއް ކަމަށާއި ކޯޓަކުން އެފަދަ މަސައްކަތެއް ކުރުމަކީ މުޅި މުޖުތަމަޢަށް ދެއްކި މިސާލެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޑްރަގް ކޯޓުގެ އިސް ގާޒީ އަބްދުލް ޤަނީ ވިދާޅުވީ ކޯޓަކުން އެފަދަ ޕްރޮގްރާމެއް ހިންގުމަކީ އައު ކަމެއް ކަމަށް ބައެއް ފަރާތްތަކަށް ހީވި ނަމަވެސް ޑްރަގް ކޯޓުގެ ނިޒާމަކީ ޚާއްސަ ނިޒާމެއް ކަމަށެވެ.

ދުނިޔޭގައި ވެސް ޑްރަގް ކޯޓުތަކުގެ ނިޒާމުގައި މިފަދަ ކަންކަން ހިންގާކަމަށް ޤަނީ ވިދާޅުވިއެވެ. މި ޕްރޮގްރާމްގައި ޝާމިލްވާ އެންމެން ކޮށްފައި ވަނީ މުހިންމު މަސައްކަތްތަކެއް ކަމަށާއި މިއީ މާޒީވެ ދިޔަތަން ދޫކޮށް ހަރުދަނާ ދިރިއުޅުމަކަށް ލިބޭ ހިތްވަރަކަށް ހެދުމަށް ޤަނީ ވަނީ އިލްތިމާސްކުރައްވާފައެވެ.

"މަސްތުން ސަލާމަތްވުމަކީ ފަސޭހަކަމެއް ނޫން. އަޅުގަނޑުމެން ފަޚުރުވެރިވަން މި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކާއި މެދު." ޑްރަގް ކޯޓުގެ އިސް ގާޒީ ޤަނީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންޑީއޭގެ ޗެއަރމަން އަޙްމަދު ސިއްދީޤު ވަނީ މި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކުން ވިސްނުން ބަހައްޓަންވީ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެހެން ފަރާތްތަކަށް ނަމޫނައަކަށް ވެ މުޖުތަމައުގައި ތިބި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް އެހީތެރިވުމަށް ސިއްދީޤު އިލްތިމާސްކުރެއްވިއެވެ.

"އެ މަގުގައި ރަނގަޅަށް ފައި ސާބިތުވާނީ ނަމާދު ޤާއިމްކުރުން. ނަމާދަށް ރައްކާތެރިވުމަކީ ކުޑަ ވާހަކައެއް ނޫން. އެކަން ކޮށް ދުއާކުރުން މަތީ ދެމިތިބި ނަމަ އަލުން ނުބައި މަގު އިޚުތިޔާރުކުރުމާއި ދެމެދު ރޭނޭ ފާރަކަށް އެކަން ވެގެންދާނެ." އެންޑީއޭގެ ޗެއަރމަން ވިދާޅުވިއެވެ.

ޑްރަގް ކޯޓުގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ބައިވެރިވެ 300 އަށް ވުރެ ގިނަ ބައިވެރިން ވަނީ ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.