އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، އެގްރޯނެޓުން ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ދަނޑުވެރިންނަށް އެހީތެރިވެދިނުމަށް "ސްޓާޓްއަޕް ޕެކޭޖެއް" ދޭންފަށައިފިއެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން މި ޕެކޭޖް ތައާރަފްކޮށްފައިވަނީ ކޮންޓްރެކްޓް ފާމިން މަޝްރޫއުއާއެކުއެވެ.
އެގްރޯނެޓްއިން ދަނޑުވެރިންނަށް ދޫކުރާ "ސްޓާޓްއަޕް ޕެކޭޖް" ނެގޭނީ އެ ކުންފުނިން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި ބައިވެރިވެފައިވާ ދަނޑުވެރިންނަށެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ހެޑް އޮފް މާކެޓިންގ އަޙްމަދު ޒަކީ ވިދާޅުވީ، އެ ކުންފުންޏާއި ގުޅިގެން ދަނޑުވެރިކަންކުރާ ދަނޑުވެރިންނަށް މި މަސައްކަތް ފެށުމަށް އެހީތެރިވުމަށް މިހާރު ސްޓާޓްއަޕް ޕެކޭޖް ދެމުން އަންނަކަމަށެވެ. މި ޕެކޭޖްގެ ދަށުން އެ ކުންފުނިން ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރަން ބޭނުންވާ އާލާތައް އިންސްޓޯލްމަންޓް އުސޫލުން ދޫކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަމަލީ މަސައްކަތް ފައްޓަން ބޭނުންވާ ފަރާތްތަކަށް ސްޓާޓްއަޕް ޕެކޭޖެއް ދިނުމުގެ މަސައްކަތްވެސް މިހާރު އެބަ ކުރިއަށްގެންދޭ އެގްރޯ ނޭޝަނަލްގެ ފަރާތުން. ފެށުމަށް ބޭނުންވާ އާލާތްތަކާއި މުޑުވަކާއި އެހުރިހައި އެއްޗެއް ފަހުން ފައިސާ ދައްކާގޮތައް ދޫކުރެވޭ އެހީތެރިކަމެއް އެއީ." އަޙްމަދު ޒަކީ ވިދާޅުވިއެވެ.
އެގްރޯނެޓުން ވިދާޅުވީ، މި ޕެކޭޖަށް ފައިސާ ދެއްކުމަށް ދަނޑުވެރިންނަށް ފަސޭހަ ގޮތްތަކެއް ފަހިކޮށްދީފައިވާކަމަށެވެ. އެގޮތުން ދަނޑުވެރިން ތަކެތި ހެއްދުމަށްފަހުގައި ތަކެތި ވިއްކާފައި ލިބޭ ފައިސާއިން އިންސްޓޯލްމަންޓަށް ލޯނު ދެއްކޭނެއެވެ. އަދި ދަނޑުވެރިޔާއަށް ފަސޭހަކަމާއެކު އިންސްޓޯލްމަންޓަށް ދެއްކޭ އަދަދެއް އިންސްޓޯލްމަންޓަށް ބަހާލައިގެންވެސް ޕެކޭޖަށް ފައިސާ ދެއްކޭނެއެވެ.
މި ޕެކޭޖްގެ ދަށުން ދަނޑުވެރިންނަށް ދޫކުރަނީ ދަނޑުވެރިކަން ކުރަން ބޭނުންވާ އާލާތްތަކެވެ. އެގްރޯނެޓުން ވިދާޅުވީ، އާލާތްތައް ދޫކުރާނީވެސް މާކެޓުގައި އެތަކެތި ގަންނަން ލިބޭ އަގުގެ %20 ދަށްކޮށްކަމަށެވެ.
ކޮންޓްރެކްޓް ފާމިންގެ ފުރަތަމަ ފިޔަވަހީގައި ރާއްޖޭ 5 ޒޯނަކަށް ބަހާލައިގެން 43 ރަށެއްގައި 17 ބާވަތެއް ހެއްދުމަށް ވަނީ ހަމަޖެހިފައެވެ. ކޮންޓްރެކްޓް ފާމިން މަޝްރޫއުގައި މިހާރުވެސް 90 އަށްވުރެ ގިނަ ދަނޑުވެރިން ވަނީ ބައިވެރިވެފައެވެ.