ޚަބަރު

ތަހްޤީޤަށް ހައްޔަރުކުރި މީހެއްގެ ފޯނުން ހަތިޔާރުގެ ފޮޓޯފެނިއްޖެ


ފިނިފެންމާ ލޯންޗްގައި ބޮން ގޮއްވި ހާދިސާއާއި ގުޅިގެން ހައްޔަރުކުރި މީހެއްގެ ފޯނުން، މިހާތަނަށް ފުލުހުންނާއި ސިފައިން ހޯދާފައިވާ ނުރައްކާތެރި ހަތިޔާރުތަކުގެ ފޮޓޯތަކެއް ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.އިސްކަންދަރު ކޮށީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ފޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ މިމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހާގެ ފޯނުން ފެނިފައިވާ ފޮޓޯތަކުން ފުލުހުންގެ ތަހްގީގަށް ވަރަށް މުހިއްމު މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށެވެ.އަދި ރައްޔިތުންނަށްވެސް މިތަހްގީގުތަކާއިމެދު އިތުރު ޔަގީންކަމެއް ލިބިގެންދާނެ ހެކިތަކަކަށް މިފޮޓޯތައް ވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ. ފުލުހުން ހައްޔަރުކޮށްފައިވާ މީހުންނާއި މިހަމަލާއާއި ގުޅުން އޮތް މިންވަރުވެސް މިކަމުން ދޭހަވާކަމަށް ނަވާޒް ވިދާޅުވިއެވެ.މިފޮޓޯތަކަކީ މިހަތިޔާރުތައް ކަނޑުއަޑީގައި ފޮރުވުމުގެ ކުރިން ނަގާފައިވާ ފޮޓޯތަކެކެވެ. އެހެންނަމަވެސް މިފޮޓޯތައް ހުރީ މިހާރު ހައްޔަރުކުރެވިފައިވާ މީހުންގެތެރެއިން ކާކުގެ ފޯނެއްގައިކަމެއް ނަވާޒް ވިދާޅެއްނުވެއެވެ.ތަހްގީގުތައް ކުރިއަށްދާ މިންވަރުން އެކަން ދިވެހިރައްޔިތުނާއި ހިއްސާކުރެވިގެންދާނެކަމަށް ފުލުހުން ބުނެއެވެ.