މާލެ ސަރަޙައްދުގެ
ކުނި މެނޭޖްކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަންނާއި އަންނަ އަހަރުގެ
ތެރޭގައި ހަވާލުކުރެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް
ވިދާޅުވެއްޖެއެވެ.
ކުނި
މެނޭޖްކުރުމުގެ ޤައުމީ ސިޔާސަތު އިފްތިތާޙްކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ
މާލަމްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް
ކޯރޕަރޭޝަންއަށް ބޭނުންވާ ވަސީލަތްތަކާއި ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންއަންނަކަމަށެވެ. މާލެ ސަރަޙައްދުގައި ރައްކާތެރިގޮތުގައި ކުނި
މެނޭޖްކުރަން މިއަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށާއި ތިލަފުށީ ގޮނޑުވެސް މެނޭޖްކުރުމަށް އެ
ކޯރޕަރޭޝަންއާއި ހަވާލުކުރެވިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް
އިބްރާހިމް ވިދާޅުވިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލެ ސަރަޙައްދުގައި
ދިރިއުޅޭ ކޮންމެ މީހަކަށް ދުވާލަކަށް 1.6ަ ކިލޯގެ ކުނި އުފައްދައެވެ.
އަދި އަތޮޅުތަކުން ދިރިއުޅޭ ފަރާތްތަކުން ކޮންމެ މީހަކަށް ދުވާލަކަށް 0.8 ކިލޯގެ ކުނި އުފައްދާއިރު ރިސޯޓްތަކުން ކޮންމެ ފަތުރުވެރިޔަކު ރެއެއްގެ މައްޗަށް 3.5 ކިލޯގެ ކުނި އުފައްދައެވެ.
އެންވަޔަރަމަންޓް
މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވީ މިއަދު އިފްތިތާހްކުރެވުނު ކުނި
މެނޭޖްކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި
ވޭސްޓް މެނޭޖްމަންޓް ސަރަޙައްދެއް ހެދިގެންދާނެކަމަށާއި ރީޖަނަލް ވޭސްޓް
މެނޭޖްމަންޓް ސެންޓަރެއް އަންނަ އަހަރު ހުޅުވިގެންދާނެކަމަށްވެސް މިނިސްޓަރ
ވިދާޅުވިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ
އާމިރު ވިދާޅުވީ ކުނި މެނޭޖްކުރުމުގެ ސިޔާސަތުގެ ދަށުން އެކިއެކި ކުނި
އުފެއްދުމުގައި ޝާމިލުވާ ފަރާތްތަކުގެ ޒިންމާއެއް ކަނޑައަޅާފައިވާކަމަށެވެ. އަދި ރަށު
ކައުންސިލްތަކަށްވެސް ކުނި މެނޭޖްކުރުމަށް ފީއެއް ނެގުމުގެ ބާރު ދީފައިވާކަމަށާއި
ރާއްޖެ ހަތް ސަރަޙައްދަކަށް ބަހާލާ ކަނޑައެޅޭ ކޮންމެ ސަރަޙައްދެއްގައި ސަރަޙައްދީ
ކުނި މެނޭޖްކުރާ މަރުކަޒުތަކެއްވެސް ގައިމުކުރެވިގެންދާނެކަމަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ކުނި މެނޭޖްކުރުމާއި
ބެހޭ ފުރަތަމަ ޤާނޫނީ އޮނިގަނޑު ތައަޔާރުކުރުމުގެ މަސައްކަތް ކުރަމުން
އަންނަކަމަށެވެ.