ޚަބަރު

ބ.ކިހާދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި


ބ.އަތޮޅު ކިހާދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. ސަރުކާރުން އެމްޓީ ހޯގާޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިބަނދަރުގެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކުރަމުންދަނީ، ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތެވެ. ހިލަ ޖެހުމުގެ މަސައްކަތް ނިމުމުން ފަޅުފުންކުރުމުގެ މަސައްކަތް ފެށިގެން ދާނެކަމަށް އެކުންފުނިން ބުނެއެވެ.

ކިހާދޫގައި ހަދަމުންދާ ބަނދަރަކީ މިހާރުވެސް އެރަށު މީހުން ލަފާ ފުރުމަށް ބޭނުން ކުރަމުންދާ ބަނދަރެވެ.

ކިހާދޫގައި އެންމެ ފުރަތަމަ ބަނދަރެއް ހަދާފައިވަނީ، 1999 ވަނަ އަހަރުއެވެ. މިބަދަނރު ހަދާފައިވަނީ އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު، އެރަށު ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ރައްޔިތުން އަމަލީ ގޮތުން އެކަމުގައި ބައިވެރިވެގެންނެވެ. އެ ބަނދަރު ހަލާކުވީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައެވެ. އޭރު ލިބުނު ގެއްލުން ތަކާއެކު ބަނދަރު މިއަދާ އަމައަށް އޮތީ ބޭނުން ކުރެވޭ ހާލަތުގައެއް ނޫނެވެ. ކިހާދޫ މީހު ން އޮޑިދޯނި ފަހަރު އެޅުމަށް ބޭނުން ކުރަނީ ބަނދަރުގެ ހުޅަނގުފަރާތު ހުރަސް ތޮއްޓެވެ. އެއީ ބަނދަރުގައި ހަލާކުނުވެ އޮތް ހަމައެކަނި ސަރަހައްދެވެ.

އިރުމަތީ ހުރަސް ތޮށްޓާއި މެދު ތޮށި އެއްކޮށް ހަލާކުވެ، ބައެއް ސަރަހައްދުތައް ވެއްޓިފައިވާ މި ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްކަތް އެމްޓީ ހޯގާޑާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ކިހާދޫ ބަނދަރުގެ އިތުރުންވެސް ބ.އަތޮޅުގެ ދެރަށެއްގެ ބަނދަރުހެދުން އެމްޓީ ހޯގާޑާވަނީ ހަވާލުކޮށްފައެވެ. އެއީ ކުޑަރިކިލާއި ދޮންފަނުގެ ބަނދަރު ހެދުމުގެ މަސައްކަތެވެ. މީގެ ތެރެއިން ދޮންފަނު ބަނދަރުހެދުމުގެ މަސައްކަތް މިދިޔަމަހު 28 ވަނަ ދުވަހު ފަށާފައިވާއިރު މިހާރު ކުރިއަށްދަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތެވެ. ކިހާދޫއާއި ދޮންފަނުގެ ބަނދަރުގެ މަސައްކަތް ނިމުމުން ކުޑަރިކިލު ބަނދަރުގެ މަސައްކަތް ފަށާ ކަނޑައަޅާފައި އޮތް މުއްދަތައް ނިންމާލެވޭނެކަމަށް އެމްޓީ ހޯގާޑުން މައުލޫމާތުދެއެވެ.

ބ.އަތޮޅުގެ މިތިން ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީ އެމްޓީ ހޯގާޑް ޕްރައިވެޓްލިމިޓެޑާ ހަވާލުކޮށްފައިވަނީ 108 މިލިއަން ރުފިޔާއަށް 318 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އާބާދީގައި 495 މީހުން ދިރިއުޅޭ ބ. ކިހާދޫ ބަނދަރު ހަލާކުވިތާ 18 އަހަރު ވެފައިވާއިރު ރައްޔިތުން ތިބީ ބަނދަރު ހެދޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އަދި ރައްޔިތުންގެ މި އުންމީދު ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައި ރައްޔިތުން ބޭނުންވާގޮތަށް ބަނދަރު ހައްދަވައިދެއްވާތީ މުޅި ރަށުގެ ރައްޔިތުން ތިބީ ވަރަށްބޮޑަށް ހިތްހަމަޖެހިފައި ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.