ހއ. ބާރަށުގައި ހޯމް ކަރަންޓީނުގައި ތިބި 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ބާރަށު ކައުންސިލްގެ ރައީސް އާސިފް ޢަބްދުﷲ ވިދާޅުވީ މިމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވުމާ ގުޅިގެން އިއްޔެ ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ. މި ނުވަ މީހުންނަކީ އެއްކޮށް ކަރަންޓީނުގައި ތިބި ނުވަ މީހުންކަމަށާއި މިމީހުން ޕޮޒިޓިވްވިކަން އެނގުނީ ރޭގެ ވަގުތެއްގައި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ޕޮޒިޓިވްވި މި 9 މީހުންގެ ތެރޭގައި ހައިރިސްކު މީހެއް ހިމެނޭ ކަމަށް އެ އަތޮޅު ހޮސްޕިޓަލުންވަނީ ބުނެފައެވެ. އަދި އެމީހާ މިހާރު ށ. އަތޮޅު ފުނަދޫގައި ހުންނަ ކޯވިޑް ފެސިލިޓީއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ބާރަށުން ހޯމް ކަރަންޓީނުގައި ތިބި ނުވަމީހެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު ރާއްޖޭގައި ކޯވިޑްގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުން ވެސް ކޯވިޑަށް ޕޮޒިޓިވް ގިނަ ކޭސްތަކެއް އަންނަނީ ފެންނަމުންނެވެ.
އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދުވަނީ 19،793 އަށް އަރާފައެވެ. ބަލިޖެހުނު މީހުންގެ ތެރެއިން 17،249 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 2،475 މީހަކު ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނައިރު، 179 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 62 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 54 ދިވެހިންނާއި 8 ބިދޭސީންނެވެ.