ޚަބަރު

ކުޑަކުދިންގެ ހިޔާގެ 9 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި


ހުޅުމާލޭގައި އަޅާ
ކުޑަކުދިންގެ ހިޔާގައި ބައިތިއްބާނީ ނުވައަހަރުން ދަށުގެ ކުޑަކުދިން ކަމަށް
މިނިސްޓަރ އޮފް ލޯ އެންޑް ޖެންޑަރ އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.




ކުޑަކުދިންގެ
ހިޔާގެ ނުވަވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްޞަ
ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަަވަމުން މިނިސްޓަރ ވިދާޅުވީ ، ވިލިމާލޭގައި ފުރަތަމަ
ކުޑަކުދިންގެ ހިޔާ އިމާރާތްކުރީ ދިހަ އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކަމަށެވެ.
ނަމަވެސް މިހާރު އެތަނުގައި އެއްމަސް ނުފުރޭ ތުއްތު ކުދިންނާއި އަށާރަ އަހަރު
ފުރިފައިވާ ކުދިންނާއި އެކު ސަތޭކަ ނަވާރަ ކުދިން ދިރިއުޅޭ ކަމަށް އަނިލް ވިދާޅުވިއެވެ. އެހެން ކަމުން ހުޅުމާލޭގައި އިމާރާތްކުރާ ކުޑަކުދިންގެ ހިޔާ ނިމުމުން ވިލިމާލޭގައި
ހުންނަ ހިޔާގައި ދިރިއުޅޭނީ ނުވައަހަރުން މަތީގެ ކުދިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ރޭގެ
ރަސްމިއްޔާތުގައި ކުޑަކުދިންގެ ހިޔާގެ ސީއީއޯ ޒީނާޒް އަދުނާން ވިދާޅުވީ ، ހިޔާގައި މަސައްކަތްކުރާ ކޮންމެ
މުވައްޒަފަކުވެސް މަސައްކަތްކުރަނީ އެއީ އެމީހުންގެ އަމިއްލަ ދަރިންގެ ގޮތުގައި
ދެކިގެން ކަމަށާއި ، ކޮންމެ ވަގުތެއްގައިވެސް ކުދިންގެ މަސައްކަތުގައި އުޅެނީ
އެއްވެސް ޝަކުވާއެއް ނެތިކަމަށެވެ.



ޒީނާޒް ވިދާޅުވީ މިދިއަ
އެއް އަހަރު ދުވަހަކީ އޭނާގެ ވަޒީފާގެ ހަޔާތުން އުފާވެރި ދުވަސްތަކެއް ކަމަށާއި އެގޮތުން
ކުދިންނަށް ހިދުމަތްތައް ދޭން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ގިނަ މަސައްކަތްތަކެއް
ކުރަމުން އަންނަ ކަންވެސް ފާހަގަކުރެއްވިއެވެ.



ހުޅުމާލޭގައި ހަދާ ކުޑަކުދިންގެ
ހިޔާއަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އާއިލާއަކުން ފަންޑުކޮށްގެން އިމާރާތްކުރާ
ތަނެކެވެ. އެތަނުގެ ޖާގައަކީ  129 އެވެ.
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 119 ކުދިން ދިރިއުޅެއެވެ.



ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންނަށާއި އެތަނުގައި ތިބޭ ކުދިންނަށް ތަފާތު
ޕްރޮގްރާމްތައް ހިންގަން ދެ 
އެއްބަސްވުމެއްގައި ވެސް ރޭވަނީ ސޮއިކޮށްފައެވެ.



ފުރަތަމަ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުޑަކުދިންގެ ހައްގުތައް
ހިމާޔަތްކުރަން މަސައްކަތް ކުރަމުން އަންނަ އާކް އާއި ހިޔާ އާއި ދެމެދު އެވެ.  މި އެއްބަސްވުމުގެ ދަށުން އެ ތަނުގައި ތިބޭ
ކުދިންނާއި މުވައްޒަފުންނަށް ތަފާތު ޕްރޮގްރާމްތައް އާކުން ހިލޭ ސާބަހަށް
ހިންގައިދޭނެއެވެ . މި އެއްބަސްވުމުގައި ސޮއިކުރެއްވީ އާކްގެ އެގްޒެކެޓިވް
ޑިރެކްޓަރު ޒެނީޝާ ޒަކީ އަދި ކުޑަކުދިން ހިޔާގެ ސީއީއޯ ޒީނާޒް އަދުނާން އެވެ.



ދެ ވަނަ އެއްބަސްވުން ގާއިމްކުރީ ލީޑަޝިޕް އެކަޑެމީ އާއިއެކު އެވެ. މި
އެއްބަސްވުމުން ލީޑާސް އެކަޑެމީން ހިންގާ ސޯލްޓް ޕްރޮގްރާމް އެ ތަނުގެ
މުވައްޒަފުންނަށް ހިންގާނެ އެވެ.
ކުޑަކުދިންގެ ހިޔާ އަށް
ނުވަ އަަހަރު ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުންތަކުގައި
ސޮއިކުުރެއްވުމަށް ފަހު ޒީނާޒް ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުން އެ ތަނުގެ
ކުދިންނަށާއި މުވައްޒަފުންނަށް ރަނގަޅު ނަތީޖާ ފެންނަ ކަމަށެވެ. އަދި އެކި
ހަރަކާތްތައް ހިންގާއިރު އެ ހަރަކާތެއް މޮނީޓާ ކުރަމުން އަންނަ ކަމަށް ވިދާޅުވި
އެވެ.



ކުޑަކުދިން ހިޔާގެ ލޯގޯ އާއި ވެބްސައިޓް ވެސް ރޭ ވަނީ ލޯންޗުކޮށްފައި. އަދި ތަފާތު އެކި ގޮތްގޮތުން އެ ތަނަށް
އެހީވަމުން އަންނަ ފަރާތްތަކާއި މުވައްޒަފުންނާއި ކުދިންނަށްވެސް ވެސް ރޭ ވަނީ
ހަނދާނީ ލިޔުމާއި ފިލާ ޙަވާލުކޮށްފައެވެ.