ދުނިޔެ

އައު 2 ވެކްސިނަށްވެސް ޗައިނާގެ ހުއްދަ، ހުޅަނގުގެ ވެކްސިނެއް ނުޖެހޭނެ


ޗައިނާގައި އަލަށް އުފައްދި ކޯވިޑް-19ގެ 2 ވެކްސިނަސްވެސް އެ ޤައުމުން ޙުއްދަ ދީފިއެވެ. ޗައިނާގެ ނޭޝަނަލް މެޑިކަލް ޕްރޮޑަކްޓްސް އެޑްމިނިސްޓްރޭޝަނުން ބުނީ އާންމު ބޭނުމަށް މި 2 ވެކްސިނަށް މިހާރު ޙުއްދަދީފައިވާކަމަށެވެ. މިއާއިއެކު ޗައިނާއިން ޙުއްދަދީފައިވާ ވެކްސިންގެ ޢަދަދުވަނީ ހަތަރަކަށް އިތުރުވެފައެވެ.

ޗައިނާއިން އަލަށް ޙުއްދަދިން 2 ވެކްސިނަކީ ކެންސިނޯ ބައިޔޮލޮޖިކްސްއިން އުފައްދާފައިވާ ވެކްސިނަކާއި ޗައިނާ ނޭޝަނަލް ފާމަސޫޓިކަލް ގުރޫޕު، ސިނޯފާމްގެ ގޮތްޕެއްކަމަށްވާ ވުހާން އިސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސުން އުފައްދާފައިވާ ވެކްސިނެކެވެ. މި މަހުގެ ކުރީކޮޅުގައި އެ ޤައުމުންވަނީ ސިނޯވެކް ބަޔޯޓެކުން އުފައްދާފައިވާ ވެކްސިނަކަށްވެސް ޙުއްދަދީފައެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ސިނޯފާމްގެ އެހެން ވެކްސިނަކަށްވެސްވަނީ ޙުއްދަދީފައެވެ.

ހުޅަނގުގެ ޤައުމުތަކުން އުފައްދާފައިވާ އެއްވެސް ކޯވިޑް ވެކްސިނަކަށް ޗައިނާއިން މިހާތަނަށް ޙުއްދަދީފައެއް ނުވެއެވެ.

ސިނޯފާމްގެ ވުހާން ގޮފިން ބުނީ އެ ފަރާތުން އުފައްދާފައިވާ ވެކްސިނުން ކޯވިޑާއި ދެކޮޅަށް ރައްކާތެރިކަން ފޯރުކޮށްދޭ ނިސްބަތަކީ 72.51 އިންސައްތަކަމަށެވެ. އެ ޢަދަދު ލިބިފައިވަނީ ތިންވަނަ މަރުހަލާގެ ކްލިނިކަލް ޓްރަޔަލް ތަކުންކަމަށް އެ ކުންފުނިން ބުނެއެވެ. ނަމަވެސް އެކަމާއިގުޅޭ އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ.

ސިނޯފާމްގެ އައު ވެކްސިނަކީ ބޭރު ޤައުމުތަކުގައި ތިންވަނަ މަރުހަލާގެ ތަހުލީލުތައް ކުރިއަށްދާ އެ ކުންފުނީގެ ދެވަނަ ވެކްސިނެވެ. ބަލިޖެހުމުގެ ނުރައްކާ ބޮޑު ބައެއް މީހުންނަށް މީގެ ކުރިން އެ ވެކްސިންވަނީ ދީފައެވެ. ވަރަށް ފިނި މާހައުލެއްގައި ރައްކާކުރަންޖެހޭ ހުޅަނގުގެ ފައިޒާއާއި މޮޑާނާގެ ވެކްސިނާއި ޚިލާފަށް ޗައިނާއިން މިހާތަނަށް ޙުއްދަ ދީފައިވާ ހަތަރު ވެކްސިނަކީވެސް އާދައިގެ ފުރިޖެއްގެ ގަނޑުކުރާބައިގެ ފިނިހޫނިމިނުގައި ރައްކާކުރެވޭ ވެކްސިންތަކެކެވެ.

ޗައިނާއިންދަނީ ސިނޯވެކްއާއި ސިނޯފާމްގެ ފުރަތަމަ ވެކްސިން ދުނިޔޭގެ އެކި ޤައުމުތަކަށް ފޯރުކޮށްދެމުންނެވެ.