ޚަބަރު

ކުޅިވަރު ވަސީލަތްތައް ޤަވާއިދުން މޮނީޓަރކުރުމަށް ޕްލޭނެއް


  • ވަސީލަތްތައް މަރާމާތުކުރުމަށް ޚާއްސަ މުވައްޒަފުން ހަމަޖައްސަވާނޭކަމަށް ވަޒީރު ވިދާޅުވި

  • މިކަމަށް ޚާއްސަ ބަޖެޓެއް އެކުލަވާލާނެ

ރަށްރަށުގައި ސަރުކާރުން ޤާއިމްކޮށްފައިވާ ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ބަލަހައްޓައި މަރާމާތުކުރުމަށްޓަކައި ބަޖެޓެއް އެކުލަވާލާ އެކަމަށް ޚާއްސަ ޕްލޭނެއް ރޭވިފައިވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، "ޕީއެސްއެމް" އިން ގެނެސްދޭ "އަހާ" ޕްރޮގްރާމުގައި އާންމު ރައްޔިތަކު، ރަށްރަށުގައި ޤާއިމްކޮށްފައިވާ ކުޅިވަރު ދަނޑުތަކާއި ކޯޓުތައް ނުބެލެހެއްޓި، ހަލާކުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން އެކަމަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ މީގެ ކުރިން އޮނިގަނޑު ރޭވިފައި އޮތްގޮތުގެ ސަބަބުން ބައެއް ފެސިލިޓީސްތައް ހުންނަނީ ރަށުގެ ކައުންސިލްގެ ދަށުގަކަމަށްވާއިރު، އަނެއްބައި ފެސިލިޓީސްތައް ހުންނަނީ ވުޒާރާގެ ބެލުމުގެ ދަށުގައިކަމަށެވެ. އަދި މިހާތަނަށް ވަށާޖެހޭ އުސޫލެއްގެ ދަށުން މިކަންކަން ބަލަހައްޓާނެ ނިޒާމެއް ޤާއިމްވެފައިނެތްކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އެތައް ވަސީލަތެއް ހަލާކުވެ، މަރާމާތުގެ ބަދަލުގައި ބަދަލުކުރަންޖެހޭ ހާލަތަށް ގޮސްފައިވާކަމަށެވެ.

"ވަރަށް ގިނަ ކުޅިވަރުގެ ވަސީލަތްތައްވަނީ މަރާމާތުކުރަންޖެހިފަ. ގިނަ ފަހަރަށް މާރާމާތު ކުރަންމިޖެހެނީވެސް، މާރާމާތުކުރަން އުނދަގޫވާ ވަރަށް ނުވަތަ ބަދަލުކުރަންޖެހޭ ހިސާބުން. މިކަންމިވަނީ އަޅުގަނޑުމެންގެ އޮނިގަނޑު ރާވާލެވިފައި އޮތް ގޮތުން މީގެ ކުރިން. ބައެއް ފެސިލިޓީސްތައް މިހުންނަނީ ކައުންސިލްތަކުގެ ދަށުގައި. އަނެއްބައި ފެސިލިޓީސްތައް މިނިސްޓްރީގެ ދަށުގައި. އުސޫލެއްގެ ދަށުން މިހުރިހާ ތަނެއް ބަލަހައްޓާނެ ނިޒާމެއް އެކުލެވިފައެއް ނެތް" ވަޒީރު ވިދާޅުވިއެވެ.

މިމައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ސަރުކާރުން ވަކި ޕްލޭނެއް ރާވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ޤާއިމްކުރަމުންދާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގައި އެކަމަށް ޚާއްސަކޮށް މުވައްޒަފުން ބޭތިއްބުމަށް ރާވާފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އެ މުވައްޒަފުން މެދުވެރިކޮށް، ޤަވާއިދުން ކުޅިވަރު ވަސީލަތްތައް ބަލަހައްޓާ މަރާމާތުކުރުމުގެ ކަންކަން ކުރެވެމުންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި ޤާއިމްކޮށްފައިވާ ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި މޮނީޓާ ކުރެވި ބޭނުންވާ މަރާމާތުގެ ކަންކަން އުސޫލެއްގެ ދަށުން ކުރެވެމުންދާނެކަމަށް ވަޒީރު ވިދާޅުވެފަވެއެވެ.

"މިކަން ރަނގަޅަށް ކުރުމަށް އަޅުގަނޑުމެން ގަސްދުކުރާގޮތަކީ އަޅުގަނޑުމެންގެ މުވައްޒަފުން ތަންކޮޅެއް އަވަސްއަވަހަށް މެއިންޓަނަންސްގެ ވޯކް އެބަޖެހޭ ކުރަން. އެހެންނޫނީ ވަގުތުފާއިތުވީމަ މިޖެހެނީ މަރާމާތަށްވުރެ ބޮޑަށް އެ ބަދަލުކުރަން. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ މަރުކަޒެއް ޤާއިމްކުރެވެމުން އެބަދޭ. ކޮންމެ ރަށެއްގެވެސް ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރ. އެއީ އަޅުގަނޑުމެންގެ މުވައްޒަފުން، ރިޕެއަރކުރާ މީހުންނާ އެޑްމިން މުވައްޒަފުން އަދި އެކި ޕްރިގްރާމުތައް ހިންގާ ބޭފުޅުން އެތާ ތިބޭނީ. އޭރުން ޑެއިލީ މޮނިޓަރިން ހަދަމުން، ރެގިއުލާކޮށް އައުޓްޑޯ ޖިމްތަކާ ދަނޑުތަކާ ބެލެހެއްޓެމުންދާނެ. އަދި މެއިންޓެނެންސް ކޮންޓިނިއުސްކޮށް ކުރެވެމުންދާނެ" ވަޒީރު ވިދާޅުވިއެވެ.

މިކަން އެންމެ އެދެވޭގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ރަށްރަށުގެ ފިޓްނެސް ސެންޓަރުތަކަށް ވަކި ޚާއްސަ ބަޖެޓެއް ކަނޑައަޅާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ބަޖެޓާއެކު ވަށާޖެހޭ އުސޫލެއްގެ ދަށުން މިކަންކަން ހަމަޖެހިގެންދާނެކަމަށް ވަޒީރު ހާމަކުރައްވާފައިވެއެވެ.

"އޭގެން ކޮންމެ ސެންޓަރަކަށް މެއިންޓަނަންސް ބަޖެޓެއް ހަމަޖެހިގެން، ބަޖެޓުގެ ތެރެއިން އެކަން ހަމަޖެހިގެން ވަށާޖެހޭގޮތަށް ކުރެވިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީއަކީ ގައިންގަޔަށް ނާރާ ބަލިތަކާ ދުރު ދުޅަހެޔޮ އާބާދީއަކަށް ހެދުމަށްޓަކައި ސަރުކާރުން ފަށާފައިވާ ޤައުމީ ހަރަކާތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމްއަކާއި ފިޓްނެސް ސެންޓަރެއް ބިނާކުރުމުގެ ބިޔަ މަޝްރޫޢެއް ސަރުކާރުންވަނީ ފައްޓަވާފައެވެ. މިވަސީލަތްތަކުގެ ބޭނުން ދެމެހެއްޓެނިވިގޮތެއްގައި އާންމުންނަށް ހިފޭނެގޮތަކަށް ކަންކަން ބައްޓަންކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ.