ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އެކުވެރި ދައުލަތްތަކުގެ (އދ) އިދާރާއާ (އުންރުވާ) ގުޅިގެން މަސައްކަތް ނުކުރުމަށް ޣައްޒާ ޞުލްޙައިގެ ބޯޑުން ނިންމި ނިންމުން ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުން ކުށްވެރިކޮށްފިއެވެ. އެމެރިކާއިން އެކުލަވައިލި މި ބޯޑުގެ ނިންމުމަކީ ޞަހްޔޫނީ ފިކުރާ އެއްގޮތް ނިންމުމެއް ކަމުގައި ޙަމާސްގެ ތަރުޖަމާނު ޙާޒިމް ޤާސިމް ސިފަކުރެއްވިއެވެ. އަދި، މި ނިންމުމުގެ އަސްލު މަޤުޞަދަކީ އެ އިދާރާގެ އިންސާނީ އެހީ ހުއްޓުވައި، ފަލަސްޠީނު ރައްޔިތުން ވަޒަނަށް އެނބުރި އައުމުގެ ޙައްޤު ނައްތައިލުން ކަމުގައި އޭނާ ވިދާޅުވިއެވެ.
އުންރުވާއަކީ އިތުބާރު ހިފޭ ބައިވެރިއަކަށް ނޫން ކަމަށް ބުނެ އެ އިދާރާއާ ގުޅިގެން މަސައްކަތް ނުކުރާނެ ކަމަށް ބޯޑުން ބުނީ، އެކްސްގައި ކުރި ޕޯސްޓެއްގައެވެ. ނަމަވެސް، ބޯޑުގެ އޮފިޝަލުން ސިއްރިއްޔާތުގައި އެ އިދާރާއާ ބައްދަލުކުރެއްވި ކަމަށް ބައެއް މީޑިއާތަކަށް މަޢުލޫމާތު ދިން މަޞްދަރުތަކުން ބުނެއެވެ. އެ އިދާރާގެ ކުރީގެ ވެރިޔާ ފިލީޕޯ ލެޓްޒަރީނީ ވިދާޅުވީ، ޣައްޒާ ހިންގަން އައްޔަންކުރި އިދާރީ ކޮމިޓީން އުންރުވާއާއެކު މަސައްކަތްކުރަން އެދޭ ކަމުގައެވެ. އަދި، ބޯޑުން ޒިންމާ އަދާނުކޮށް، އެހީ ވެއްދުން ޔަހޫދީން ހުރަސްއަޅަމުންދާ ކަމުގައި ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
މި ދެބަސްވުންތައް ހިނގަމުންދިޔަ ނަމަވެސް، ޣައްޒާގައި ޔަހޫދީންގެ ހަމަލާތައް ދަނީ މެދުކެނޑުމެއްނެތި ކުރިއަށެވެ. ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި ޔަހޫދީ ފައުޖުގެ ހަމަލާތަކުގައި ފަލަސްޠީނުގެ ހަތް މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. ޖަބާލިޔާގައި ބަޑިޖަހައި މީހަކު ޝަހީދުކޮށްލިއިރު، ނުސައިރާތަށް ދިން ޑްރޯން ހަމަލާއެއްގައި އިތުރު މީހަކު ޝަހީދުވިއެވެ. އަދި، ޚާން ޔޫނިސްގެ އަލް-މަވާސީއަށާއި ޞަލާޙުއްދީން މަގަށް ދިން ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ހުޅަނގު އައްސޭރީގައި ވެސް ޔަހޫދީ ސިފައިންގެ ޢުދުވާންތައް ވަނީ އިތުރުކޮށްފައެވެ. މި ގޮތުން ރާމަﷲގައި ހުންނަ ބައިރަޒައިތު ޔުނިވަރސިޓީއަށް ވަދެގަނެ، ދަރިވަރުން އިމްތިޙާނު ހަދަން ތިއްބައި އިމާރާތެއް ބަލައިފާސްކުރިއެވެ. ތުލްކަރަމްގެ ޒައިތާގައި ގެތައް ފާސްކޮށް މީހުން ހައްޔަރުކުރިއިރު، ބައިތު ލަޙްމުގެ މަގުތައް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން، ޤަލަންދިޔާ އަދި އަލް-އަމްޢަރީ ރެފިއުޖީ ކޭމްޕަށް ވެސް ޔަހޫދީ ސިފައިން ވަދެގަނެ ރޭޑު ޖަހާފައިވެއެވެ.