ނިއު އެޑިޝަންގެ ނޯޓް ފިހާރައިން، ކަސްޓަމަރުންނަށް ޚާއްސަ ސްކިންކެއާ ފޯރުކޮށްނުމަށް ކޮރެއަން ސްކިން ކެއަރއަށް މުވައްޒަފުން ތަމްރީނުކޮށްފިއެވެ.
ރާއްޖޭގައި ސްކިންކެއަރގެ ޚިދުމަތުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ނޯޓުން ފާހަގަކުރާގޮތުގައި، ނޯޓުން އެންމެ އިސްކަމެއް ދެނީ، ކަސްޓަމަރުންނަށް އެންމެ ޒަމާނީ ފެންވަރުގައި، އިތުބާރު ކުރެވޭ ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ. އެ މަޤްސަދުގައި ނޯޓުން ހިންގި ތަމްރީން ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ، ދެކުނު ކޮރެއާގެ އަސްލު ސްކިންކެއާ އުސޫލުތައް ދަސްކޮށްދިނުމަށްޓަކައި، އެ ގައުމުން ޚާއްޞަކޮށް ރާއްޖެ ގެނެސްފައިވާ ބިއުޓީ އެކްސްޕާޓުން މެދުވެރިކޮށެވެ.
މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ބުނެދީފައިވަނީ، ހަމާ ގުޅޭ އުފެއްދުންތައް ދެނެގަތުމާއި، އޭގައި ހިމެނޭ މާއްދާތަކަށް އަހުލުވެރިވުމުގެ އިތުރުން، ކޮރެއާގެ ސްކިންކެއާ އުފެއްދުންތައް ބޭނުންކުރާނެ ރަނގަޅު ތަރުތީބުތަކެވެ. މި ތަމްރީނުތަކުގެ ތެރެއިން މުވައްޒަފުންނަށް އުފެއްދުންތަކުގައި ހިމެނޭ މާއްދާތަކާއި، ރައްކާތެރިކަމާއެކު އެކި މާއްދާތައް އެއްކޮށް ބޭނުންކުރާނެ ގޮތްތައް މިސާލަކަށް އެކުގައި ބޭނުންކުރެވޭނެ ސީރަމްތަކާއި ނުކުރެވޭނެ ސީރަމްތައް ދަސްކޮށްދެވެއެވެ. އަދި ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، އެމީހަކާ ގުޅޭ ޚާއްޞަ ސްކިންކެއާ ތަރުތީބުތައް ކަނޑައަޅާނެ ގޮތްވެސް ދަސްކޮށްދެވެއެވެ.
މި ތަމްރީނުތަކުގައި ކޮރެއާގެ މަޝްހޫރު "ގްލާސް ސްކިން" ނުވަތަ ބިއްލޫރިގަނޑެއް ފަދަ އޮމާން ހަމެއް ހޯދުމަށް ބޭނުންވާ ޚާއްޞަ އުކުޅުތަކާއި، ބާރުގަދަ މާއްދާތައް އެކުލެވޭ އުފެއްދުންތައް ބޭނުންކުރާނެ ގޮތްތައް މުވައްޒަފުން ވަނީ ދަސްކޮށްފައެވެ. މި ޓްރެއިނިން ފޯރުކޮށްދިން، ޖޭހޯ ލީ ވިދާޅުވީ، މި ތަމްރީންތަކުގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ އުފެއްދުންތައް ބުނެދިނުމުގެ ކުރިން، ސައިންޓިފިކް ގޮތުން އެމީހެއްގެ ހަމުގެ ބާވަތް ދެނެގަތުމުގެ ގާބިލުކަން މުވައްޒަފުންނަށް ލިބިގެންދާނެއެވެ.
"ސްކިންކެއާގެ ރަނގަޅު ފަރުވާއެއް ފެށެނީ ރަނގަޅު އިރުޝާދާ އެކުގައި." ޖޭހޯ ލީ ވިދާޅުވިއެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނުތަކުގެ ބައިވެރިން މިއަދު ވަނީ އެންމެ ފަހުގެ ތަމްރީންތައް ފުރިހަމަކޮށްފައެވެ. މި ޓްރެއިނިންގެ ބައިވެރިއެއްކަމަށްވާ މެރިލީން ފާހަގަކުރިގޮތުގައި މި ތަމްރީންތަކުގެ ސަބަބުން، އުފެއްދުންތަކާ ބެހޭ މަޢުލޫމާތު މުއްސަނދިވެ، ކަސްޓަމަރުންގެ ހަމާ ގުޅޭ އެންމެ ރަނގަޅު އުފެއްދުންތައް އިޚްތިޔާރުކުރުމަށް ކަސްޓަމަރުންނަށް އެހީތެރިވުމުގެ ޤާބިލްކަން ޓްރެއިނިންގެ ބައިވެރިންނަށް ވަނީ ލިބިފައެވެ.
ރާއްޖޭގެ ހޫނު އަދި ތެތްފިނިކަން ބޮޑު މާހައުލާ ގުޅޭގޮތުން ކޮރެއާގެ އުފެއްދުންތައް ބޭނުންކުރާނެ ގޮތުގެ އިރުޝާދު ވެސް ތަޖުރިބާކާރުން ވަނީ މުވައްޒަފުންނަށް ދީފައެވެ. މީގެ ތެރޭގައި ހަންގަނޑު ތެޔޮވުން ކޮންޓްރޯލްކޮށްދޭ ލުއި އުފެއްދުންތަކާއި، ބާރުގަދަ އިރުގެ ދޯދިތަކުން ރައްކާތެރިކޮށްދޭ ސަންސްކްރީންތައް ހިމެނެއެވެ.
ބައެއް ކަސްޓަމަރުންނަށް ރެޓިނޯލް، ނިއަސިނަމައިޑް އަދި ވިޓަމިން ސީ ފަދަ ބާރުގަދަ މާއްދާތައް އެކުލެވޭ އުފެއްދުންތައް އެކުގައި ބޭނުންކުރަންވީ ގޮތް ނޭނގުމުގެ ސަބަބުން ހަންގަނޑު ހަލާކުވުމުގެ މައްސަލަ ކުރިމަތިވެއެވެ. ނަމަވެސް، ތަމްރީނުލިބިފައިވާ މުވައްޒަފުންގެ އެހީގައި، އެކަކު އަނެކަކާ ނުގުޅޭ އުފެއްދުންތަކަށް ކުރާ ބޭކާރު ޚަރަދުތައް ހުއްޓުވައި، ރައްކާތެރި ގޮތުގައި ސްކިން ކެއާގެ ރަނގަޅު އާދަތަކެއް އެކުލަވާލެވޭނެއެވެ. ތަމްރީނު ފުރިހަމަވުމުން، މި މުވައްޒަފުން މާލޭގައި ހުންނަ ނިއު އެޑިޝަންގެ މައި ފިހާރައިގެ އިތުރުން "ނޯޓް"ގެ އެކި އައުޓްލެޓްތަކުގައި ކަސްޓަމަރުންނަށް ލަފާދިނުމަށް ހަރަކާތްތެރިވާނެއެވެ.