ވިލިމާލެ ކޮމިއުނިޓީ ގާޑެނިންގްއަށް ކަނޑައަޅާފައިވާ ބިންތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެސަރަހައްދުން 30 ބިމެއް ދޫކުރުމަށް ހަމަޖައްސަވާ އެބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މާލެ ސިޓީ ކައުންސިލުންވަނީ ހުޅުވާލާފައެވެ.
ވިލިމާލެ ކޮމިއުނިޓީ ގާޑެނިންގްއަށް 400 އަކަފޫޓުގެ ސަރަހައްދަކުން 20 ފޫޓު 20 ފޫޓުގެ 30 ޕްލޮޓް ދޫކުރުމަށްވަނީ ހަމަޖައްސަވާފައެވެ. މަހަކު 1000 ރުފިޔާގެ ކުއްޔެއް ނެގުމަށް ނިންމާފައިވާ މި ޕްލޮޓްތަކުގައި އިންދާ ގަސްގަހާގެއްސަށް ފެން ދިނުމުގެ ކަންކަންވެސް އެތަނުގައި ހަމަޖެހިފައިވާނެ ކަމަށް މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވިއެވެ. އަދި މިހާރު އެތަނުގެ އެހެން ހުރިހާ މަސައްކަތްތައް ނިމި މިހާރު ކުރިޔަށްދަނީ ފެންލުމުގެ މަސައްކަތް ކަމަށް މޭޔަރ ވިދާޅުވިއެވެ.
"އެއްހާސް ރުފިޔާ އެއީ ކުލީގެ ގޮތުގައި ކޮންމެ މަހަކު. ދެން އޭގެ އިތުރުން އެއީ ކުނި ބުނި އުފެދޭނެ ތަނެއްކަމުގައިވާތީ 150 ރުފިޔާ ކުންޏަށް އެބަ އިނދޭ. ދެން އެ ބޭނުންވާ ފަރާތްތަކާއިއެކުގައި އެގްރީމެންޓް ކުރާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރު ލާނަން ދިވެހިން ލައިގެން ދިވެހިންނާއި އެކުގައި މިމަސައްކަތް ކުރުމަށް." ސިފާ މުޙައްމަދު ވިދާޅުވިއެވެ.
ޕްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ކައުންސިލްގެ ވެބްސައިޓްގައި ހުޅުވާފައިވާ ޕޯޓަލް މެދުވެރިކޮށެވެ. މާލެ ސިޓީ ކައުންސިލުން މައުލޫމާތުދެއްވާގޮތުގައި މި ޕްލޮޓްތަކަށް ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 30 އަށްވުރެ އިތުރުވާނަމަ ޕްލޮޓްތަކަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުންނެވެ.
ކޯވިޑްގެ ހާލަތުގައި އެންމެ މަގްބޫލުވެގެން އައި އެއް މަސައްކަތަކަށް ވެގެން އައި ގަސް އިންދުމާއި ހެއްދުން ކަމުގައި ފާހަގަކުރައްވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރ ވިދާޅުވީ މިއީ ހަމައެކަނި ދިވެހިންނަށް ޚާއްސަކޮށްގެން ދޫކުރާ ފުރުސަތުތަކެއް ކަމަށެވެ.
"އަބަދުވެސް އަޅުގަނޑުމެން މާރުކޭޓު ގޮޅިއެއްވިޔަސް، އަދި ގާޑިޔަލެއް ދިން ކަމުގައިވިޔަސް، އަދި ޕްލޮޓެއް ދިން ކަމުގައިވިޔަސް އަޅުގަނޑުމެންގެ ހުރިހާ އެގްރީމެންޓްތަކުގައި މިހެން ލިޔެފަ މިދެނީ. އެއީ މިދަންނަވާ ގޮތަށް ކައުންސިލެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ބާރު އަޅަން ބޭނުންވަނީ ދިވެހިން މަސައްކަތްތެރިކަމަށް ނެރުމަށް." ސިފާ މުޙައްމަދު ވިދާޅުވިއެވެ.
ވިލިމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ޕްލޮޓްތައް ދޫކުރުމުގައި އިސްކަން ދިނުމަށް ނިންމާފައިވަނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތުދެއްވައެވެ. އަދި ކުރިން ގަސް އިންދުމުގެ މަސައްކަތްކޮށްފައިވާ ފަރާތްތަކަށްވެސް މި ފުރުސަތަށް އެދެވޭނެކަން މޭޔަރ ފާހަގަކުރެއްވިއެވެ.