ދުނިޔެ

ޖަރުމަނުގައި އަޅާފައިވާ ފިޔަވަޅުތައް އަންނަމަހުގެ ނިޔަލަށް ދަމަހައްޓައިފި


ކޯވިޑް-19އާއި ދެކޮޅަށް ޖަރުމަނުވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް އަންނަ މަހުގެ 7 ވަނަދުވަހާއި ހަމައަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.

ޖަރުމަނުވިލާތުގައިވެސް ކޯވިޑް ޖެހޭ މީހުންގެ ޢަދަދު މިހާރުވަނީ ދަށަށް ދާން ފަށާފައެވެ. އެއާއިއެކު އެ ޤައުމުގެ ސަރަޙައްދީ ލީޑަރުންދަނީ މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރެއިން ފެށިގެން އެ ޤައުމުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދޭނެ ގޮތެއް ރޭވުމަށް މައި ސަރުކާރަށް ބާރުއަޅަމުންނެވެ. ނަމަވެސް ކޯވިޑް ޖައްސާ ވައިރަހުގެ ބަދަލު އައިސްފައިވާ ވައްތަރުތަކެއް ފެތުރެމުންދާތީ އޭގެ ސަބަބުން ބަލިޖެހޭ މީހުންގެ ޢަދަދަށް އަންނާނެ ބަދަލަކާއި މެދުވަނީ ކަންބޮޑުވުން އުފެދިފައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޖަރުމަނުވިލާތުގެ ޗާންސެލަރު އަންގެލާ މާކެލް ވިދާޅުވީ ވައިރަހުގެ ވޭރިއަންޓުތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ކަންތައް ވެދާނެ ގޮތަކާއިމެދު ކަންބޮޑުވުން އޮތްކަމަށެވެ. އެހެންކަމުން، ވީހާވެސް ބޮޑަކަށް ބަލިޖެހޭ މީހުންގެ ޢަދަދު ދަށްކުރުމަކީ ވަރަށް މުހިންމުކަމެއްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ޗާންސެލަރު މާކެލްއާއި ޖަރުމަނުވިލާތުގެ ސަރަޙައްދީ ސަރުކާރުގެ އިސްވެރިން ކުރި މަޝްވަރާތަކުގެ ދަށުން މާރިޗު މަހުގެ 1ވަނަ ދުވަހުން ފެށިގެން ބޯކޮށާ ސެލޫންތައް ހުޅުވުމަށްވަނީ ނިންމާފައެވެ. ނަމަވެސް އެހެނިހެން އިޤްތިޞާދީ ޙަރަކާތްތައް އަލުން ހުޅުވާލުމަށް އަދި ނިންމާފައެއް ނުވެއެވެ.

އިޤްތިޞާދު އަލުން ހުޅުވައިލާނީ ހަފުތާއެއްގެ ތެރޭގައި ބަލިޖެހޭ މީހުންގެ ޢަދަދު ކޮންމެ 100،000 މީހުންގެ ތެރެއިން 35 މީހުންނަށް ދަށްކުރެވުމުންނެވެ. މިދިޔަ ޑިސެމްބަރު މަހުގައި 200ގައި ހުރި އެ ޢަދަދު މިހާރު ހުރީ 50 ތިރިވެފައެވެ.

ބަލިޖެހޭ މީހުންގެ ޢަދަދު ކޮންމެ 100،000 މީހުންގެ ތެރެއިން 35 މީހުންނަށް ދަށްވުމުން ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ނޫން ޚިދުމަތްތައް ދޭ ފިހާރަތަކާއި ވިޔަފާރުތައް އަލުން ހުޅުވައި ދާރުލްއާސާރުތަކާއި ބިއުޓީ ސެލޫންތައް ހުޅުވުމުގެ ޙުއްދަ ދޭނެއެވެ.

މަދަރުސާތައް އަލުން ހުޅުވުމުގައި އަމަލުކުރާނެ ގޮތެއް ނިންމުމުގެ އިޚްތިޔާރުވަނީ ވަކިވަކި ސްޓޭޓުތަކަށް ދީފައެވެ. މާކެލް ވިދާޅުވީ މަދަރުސާތައް އަލުން ހުޅުވުމުގައި ނާސަރީއާއި ޕްރައިމަރީ ސުކޫލުތަކަށް އިސްކަން ދޭންވާނެކަމަށެވެ. ޑޭ ކެއާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި މުދައްރިސުންނަށް ވެކްސިން ދިނުމުގައި އިސްކަން ދިނުމަށް ސަރުކާރުން ވިސްނަމުން ދާކަމަށްވެސް މާކެލް ވިދާޅުވިއެވެ.
މުނިފޫހިފިލުވުމުގެ ޚިދުމަތްތައްދޭ މަރުކަޒުތަކާއި ކުޅިވަރުކުޅޭ މައިދާންތަކާއި ރެސްޓޯރަންޓުތަކާއި ހޮޓާތައް ހުޅުވުމުގެ ޙުއްދަ ދޭނެ ތާރީޚެއް އަދި ސާފުވެފައެއް ނުވެއެވެ.