ޚަބަރު

ކޯވިޑް-19 : އިތުރު 137 މީހުން ޕޮޒިޓިވް، އެކްޓިވް ކޭސްތައް ދެހާހުން މައްޗަށް


ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ދެހާހަށްވުރެ އިތުރުވެއްޖެއެވެ. ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ދެހާހަށް އަރާފައި މިވަނީ ގާތްގަނޑަކަށް 5 މަސް ދުވަހަށް ފަހުގައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން މިރޭ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 137 މީހުންނެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 16،547އަށް އަރާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 110 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 20 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި 7 މީހެކެވެ.

އަލަށް މި ބަލިން ރަނގަޅުވެފައިވަނީ 53 މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 14،472އަށް އިތުރުވެފައެވެ.

މިހާރު ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަނީ 2014 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަނީ 193 މީހުންނަށެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން މިރޭ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓްކުރުމަށް 2982 ސާމްޕަލް ވަނީ ނަގާފައެވެ. މިއާއެކު މިހާތަނަށް ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ނެގި ސާމްޕަލްގެ ޖުމްލަ އަދަދު ވަނީ 427278 އަށް އަރާފައެވެ.

ކޯވިޑް-19 ގައި މިހާތަނަށް ރާއްޖެއިން 54 މީހުން ވަނީ ނިޔާވެފައެވެ. އެއީ 46 ދިވެހިންނާއި 8 ބިދޭސީންނެވެ.