ކޯވިޑް-19ގެ ވެކްސިން ރާއްޖެއަށް ގެނައުމުގެ ކަންކަން ފެށުނު ހިސާބުން ގިނަ ރައްޔިތުންތަކެއްގެ އެންމެ ބޮޑު އެއްކަންބޮޑުވުމަކަށް ވެގެންދިޔައީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެކްސިން ޖެހުމުގެ ސަބަބުން ތަފާތު އެކި ކަންކަން މީހުންނަށް ދިމާވަމުން އަންނަ ވާހަކައާއި، އެކި ނުރައްކާތައް ކުރިމަތިވަމުން އަންނަކަމަށް ބުނެ ސޯޝަލް މީޑިޔާގެ އެކި އެކި ޕްލެޓްފޯމްތަކުގައި ވާހަކަތައް ފެތުރެންފެށިއެވެ. އަދި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިންއަކީ އެގައުމުގައި އެކަނި އުފައްދާފައިވާ ރައްކާތެރިކަމުގެ ޔަގީންކަން ނެތް ވެކްސިންއެއްކަމުގައި ބުނެ ވަރަށް ގިނަ ފަރާތްތަކުން އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންނަމަވެސް މި ވެކްސިންއަކީ ސިންގަޕޫރުގެ އެސްޓްރާޒެނެކާ އާއި އޮކްސްފޯޑް ގުޅިގެން އުފެއްދި ވެކްސިންއެއްކަމަށްވާއިރު ހަމައެކަނި ތަފާތަކީ އުފެއްދި ތަންކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ރާއްޖެއިން އޯޑަރ ކޮށްފައިވަނީވެސް ހަމަ އޮކްސްފޯޑްއާއި އެސްޓްރާޒެނެކާގެ ވެކްސިންއެވެ.
ތަފާތު އެކި ކަންބޮޑުވުންތަކާއި ގޮންޖެހުންތަކާއިއެކުވެސް ކޯވިޑް-19 ގެ ވެކްސިން ރާއްޖެ ގެނައުމުގެ ކަންކަމާއި، ވެކްސިން ޖެހުމުގެ ތައްޔާރީތައް ކަމާބެހޭ ފަރާތްތަކުން ދިޔައީ ފަސްޖެހުމެއްނެތި ކުރައްވަމުންނެވެ. މި މަސައްކަތާއެކު ވެކްސިންއާއި ބެހޭ މައުލޫމާތުދީ އާއްމުން އެކަމަށް ހޭލުންތެރިކުރުވުމުގެ މަސައްކަތްވެސް ކަމާބެހޭ ފަރާތްތަކުން އައީ ކުރަމުންނެވެ. އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ފަތުރަމުން އައި ހަގީގަތެއްނެތް ވާހަކަތަކަށް ސިއްޙީ މާހިރުން ދިޔައީ ކެތްތެރިކަމާއިއެކު ޖަވާބުދާރީ ވަމުންނެވެ. ސަރުކާރުގެ އިސް ފަރާތްތަކުން އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން ވެކްސިން ޖެހުމުގެ ކަންކަން ރާއްޖޭގައި ފެށިއްޖެއެވެ. ވެކްސިންގެ ރައްކާތެރިކަން ޔަގީންކޮށްދިނުމަށް ސަރުކާރުގެ އިސް ފަރާތްތަކުން އައީ ރައްޔިތުންނަށް ޔަގީންކަން އަރުވަމުންނެވެ.
ވެކްސިންއާއި މެދު ކަމާއިބެހޭ ފަރާތްތަކާއި ސަރުކާރުގެ އިސް ބޭފުޅުން ދެއްކެވި ވާހަކަތައް، މިއަދު މިވަނީ އަމަލީގޮތުން ދައްކަވާފައެވެ. އެންމެ އިސް ސަފުގައި ވެކްސިން ޖެއްސެވުމުގައި ބައިވެރިވެ ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާހެން ދިވެހި ދައުލަތުގެ 3 ބާރުގެ ވެރިންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިޙްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއާއި އުއްތަމަ ފަނޑިޔާރު މުޢުތަޞިމް އަދްނާންއެވެ. އެއަށްފަހު ސަރުކާރުގެ ވަޒީރުންނާއި ސިއްޙީ މާހިރުންގެ ތެރެއިން ފާހަގަކޮށްލެވޭ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.
ރައްޔިތުންގެ މެދުގައި ވެކްސިންއާއި މެދު އުފެދިފައިވާ ހުރިހާ ސުވާލަކަށް ނުވަތަ އުފެދިފައިވާ ހުރިހާ ކަންބޮޑުވުމަކަށް މިއަށްވުރެ ރަނގަޅު ޖަވާބެއް ނުލިބޭނެއެވެ. ވެކްސިންއާއި މެދު ޔަގީންކަން އޮތް މިންވަރު މިއަށްވުރެ ބޮޑަކަށް ދެން ޔަގީނެއް ނުކުރެވޭނެއެވެ.
ވެކްސިން ޖެހުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ އުންމީދީ ވާހަކަތަކެއް ހިއްސާ ކުރައްވާފައެވެ. އެގޮތުން 6 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖަހާ ނިމޭނެކަމުގެ އުފާވެރި ހަބަރު ދެއްވިއެވެ. ހެލްތު މިނިސްޓަރ ގެ ވާހަކަފުޅުންވެސް ލިބިގެންދިޔައީ އުފާވެރި ހަބަރެކެވެ. އެގޮތުން ކުރިޔަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއިން އެސްޓްރާސެނެކާއިން އޯޑަރުކުރި 7 ލައްކަ ޑޯޒްގެ ވެކްސިން ރާއްޖެއަށް ލިބެން ފަށާ ވާހަކައެވެ. އެސްޓްރާޒެނެކާގެ އިތުރުން ފައިޒާގެ ވެކްސިންއާއި ޑަބްލިއުއެޗްއޯގެ ވެކްސިންވެސް ރާއްޖެ ލިބޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.