ގދ. ތިނަދޫގައި މަސް ގަންނަ ސެންޓަރެއް އެޅުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ، މިފްކޯއިން ފަށައިފިއެވެ.
މަސް ގަންނަ ސެންޓަރު އެޅުމަށް މިފްކޯއަށް ބިން ހަވާލުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
ތިނަދޫގައި މަސް ގަންނަ ސެންޓަރު އެޅުމަށް މިފްކޯއަށް ބިން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުއާއި، މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އެ ރަސްމިއްޔާތުގައި މަސް ގަންނަ ސެންޓަރުގެ ކޮންސެޕްޓުގެ ކުރެހުންތައް ވަނީ ދައްކާލާފައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޒަހާ ވަނީ މަސްވެރިކަމުގެ ސިނާއަތައް ހުރި ގޮންޖެހުންތައް ބައްލަވާ އެކަންކަން ހައްލުކުރުމަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން ތަރައްޤީގެ އެކި މަޝްރޫއުތައް ހަލުވިކަމާއިއެކު ކުރުމަށް ކުރަންހުރި މަސައްކަތްތައް ފަހިކޮށްދިނުމަކީ މިނިސްޓްރީން އިސްކަމެއްދީގެން ކުރާ ކަންކަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވަނީ ތިނަދޫ މަސް ފެކްޓްރީއާއިއާއެކު ތިނަދޫގައި އިތުރު ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން ތިނަދޫގައި މަސްވެރިންގެ މެރީނާއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަންވެސް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.
މިފްކޯއިން ވިދާޅުވީ، ގދ. ތިނަދޫގައި އެ ކުންފުނިން އަޅާ މަސް ފެކްޓަރީ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖްއެއް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިތަނުން 100 މެޓްރިކް ޓަނުގެ މަސް ޕްރޮސެސް ކުރެވިގެންދާނެއެވެ. މިފްކޯއިން ވިދާޅުވީ، މި ސެންޓަރު ޤާއިމްކުރުމުގައި މާހިރުންގެ ލަފާގެ މަތިން އެފިޝަންޓް އޮޕަރޭޝަނެއްގެ ގޮތުގައި ހިންގޭނެ ގޮތަކަށް ފަރުމާ ކުރެވިގެންދާނެކަމަށެވެ.