ޚަބަރު

މުކުރިމަގު ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި


ލ. ގަމު މުކުރިމަގު އަވަށުގެ ބަނދަރު ފުންކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ވަޞީލަތްތައް އެރަށަށް ގެންގޮސް، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ލ. ގަމު މުކުރިމަގު އަވަށުގެ ބަނދަރު ފުންކުރުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރއިން މޯލްޓިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ.

ލ. ގަމު މުކުރިމަގު އަވަށުގެ ބަނދަރު ފުންކުރުމުގެ މަޝްރޫޢުގެ ދަށުން ނެރުގެ 5454 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ފަޅުން 1938 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ.

މުކުރިމަގު ބަނދަރު ފުންކުރުމުގެ މަޝްރޫޢު ފެށުމުގެ ކުރިން އެމްޓީސީސީން ވަނީ އެކަމަށް ބޭނުންވާ ސަރވޭގެ މަސައްކަތް 2019 ވަނަ އަހަރުގެ ފަހުކޮޅު ކުރިޔަށް ގެންގޮސްފައެވެ.

މުކުރިމަގު އަވަށުގެ ބަނދަރު ފުންކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ލ. ގަމު ކައުންސިލްގެ ނައިބު ރައީސް އަޙުމަދު ޝާޙީން ވިދާޅުވީ ބަނދަރު ތިލަވުމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދާކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ދަތިވަނީ ނެރު ބޭނުންކުރުމުގައިކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުދާހިފައިގެންދާ ބޯޓުތަކާއި ވަކި ވަރަކަށް ވުރެ ބޮޑެތި ބޯޓުތައް ނެރަށް ވަނުމަށް ދަތިތަކާއި ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝާހީން ވިދާޅުވީ ވިއްސާރަވެ މޫސުން ގޯސްވާ ދުވަސްތަކުގައި ބޯޓުތައް އަރިއަޅާލުމުގެ ހާދިސާތައްވެސް ހިނގާކަމަށެވެ. އަދި ބަނދަރު ފުން ކުރުމާއެކު މުދާ އަދި ތެޔޮ ބަރުކޮށްގެންދާ ބޯޓުތައް ބީހުމުގެ މައްސަލަ ހައްލުވެ، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެކަމަށް ޝާހީން ވިދާޅުވިއެވެ.

މުކުރިމަގު ބަނދަރު ފުންކުރުމުގެ މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 89.8 މިލއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. އަދި މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އާބާދީގައި 4 ހާހަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާ ލ. އަތޮޅު ގަމަކީ ރާއްޖޭގެ އެންމެ ބޮޑު ރަށެވެ.