ވިޒިޓް މޯލްޑިވްސްއިން ދުނިޔޭގެ އެންމެބޮޑު ޓްރެލަވް ޕްލެޓްފޯމް ކަމަށްވާ ޓްރިޕް އެޑްވައިޒާއާއެކު ކެމްޕެއިނެއް ފަށައިފިއެވެ.
ޖަނަވަރީމަހުން ފެށިގެން ސެޕްޓެމްބަރުމަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކެމްޕެއިން އަމާޒުކުރެވިގެންދާނީ އެމެރިކާ، ޔޫރަޕް އަދި އޭޝިއާ ޕެސިފިކް ރީޖަންގެ ގައުމުތަކަށެވެ.
ކޮވިޑް-19 ބަލިމަޑުކަމާ ހެދި ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށްފައި ހުރި ނަމަވެސް މި ކެމްޕެއިންގައި
އެގައުމުތަކުގެ ފަތުރުވެރިންނަށް ދިވެހިރާއްޖެ އިޝްތިހާރުކޮށް، ރާއްޖޭގެ ހިތްގައިމު މާހައުލުގައި ޗުއްޓީ ހޭދަކުރުމުގެ ޝައުގުވެރިންކަން އުފައްދައިދެވޭނެއެވެ. އަދި ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިން ދަތުރުކުރަން ފެށުމުން ޗުއްޓީ ހޭދަކުރުމަށް
ދިވެހިރާއްޖެ އަށް ޒިޔާރަތްކުރުމަށް ހިތްވަރުދެވޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މީގެއިތުރުން މިކެމްޕެއިން ތެރޭގައި ދިވެހިރާއްޖެއާ މެދު ފަތުރުވެރިން އަހުލުވެރިކުރުމުގެ ގޮތުން ރާއްޖޭގައި ތަޖުރިބާ ކުރެވެން ހުންނަ ކަންކަމާއި ޚިދުމަތްތައް އިޝްތިހާރުކުރެވިގެންދާނެއެވެ. އަދި މުޅި ކެމްޕެއިންގެ ތެރޭގައި ވެސް އެންމެ އިސްކަމެއް ދެވިގެން ފަތުރުވެރިންގެ ސިއްހީ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތައް ވެސް ބުނެދެވި، ރާއްޖޭގައި ހޭދަކުރާ ޗުއްޓީއަކީ ހުރިހާ ގޮތަކުން ވެސް އެންމެ ރައްކާތެރި އަދި ހިތްގައިމު ދަތުރަށް ވެގެންދާނެކަން ބުނެދެވޭނެއެވެ.
މި ކެމްޕެއިނާއި ގުޅިގެން ޓްރިޕް އެޑްވައިޒާގެ ގްރޫޕް ހެޑް އޮފް ޑެސްޓިނޭޝަން މާކެޓިން- އޭޕެކް، ސާރާ މެތިއުސް ވިދާޅުވީ މިކެމްޕެއިން ވިޒިޓް މޯލްޑިވްސް އާއިއެކީ ކުރިޔަށް ގެންދެވޭތީ ވަރަށް އުފާކުރާ ކަމަށާއި މިކެމްޕެއިން މެދުވެރިކޮށް ފަތުރުވެރިން ރާއްޖެއައުމަށް ޝައުޤުވެރިކަން އުފެއްދޭނެ ކަމަށެވެ.
2021 ވަނަ އަހަރު ވިޒިޓް މޯލްޑިވްސްއިން ފަށާފައިވަނީ މުޅިން އާ ސްޓްރެޓެޖީތަކަކާ އެކު ކޮވިޑް-19ގެ ކުރިން ދިވެހިރާއްޖެއަށް
ފަތުރުވެރިން ޒިޔާރަތްކުރަމުން އައި ވަރަށް ފަތުރުވެރިން ގެނައުމުގެ އަމާޒުގައެވެ. އެގޮތުން ތަފާތު ބޮޑެތި މާކެޓިން ކެމްޕެއިން
ތަކެއް މިއަހަރު ތެރޭގައި ކުރިޔަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މީގެތެރޭގައި އެއާލައިންސް އަދި ޓުއާ އޮޕަރޭޓަރުންނާ އެކު
ޖޮއިންޓް މާކެޓިން ކެމްޕެއިންތަކާއި ފެމެލިއަރައިޒޭޝަން ޓްރިޕް ތަކާއި އަދި ޓްރެވަލް ޓްރޭޑް ފެއާތަކާއި ރޯޑް ޝޯ ތަކުގައި
ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރުން ހިމެނެއެވެ.