މަދު ރިސޯޓްތަކެއްގެ އިހުމާލުގައި އެންމެން ހިމެނުމަކީ އިންސާފެއް ނޫންކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރިސޯޓުތަކުން މޫދަށް ކުނިއަޅަމުންދާ މައްސަލައަށް އަލިއަޅުއްވާލައްވާ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ބައެއް ރިސޯޓުތަކުން މޫދަށް ކުނިއަޅާކަން ބައެއް ފަރާތްތަކުން ފާހަގަކުރަމުން އަންނަކަމަށެވެ. ނަމަވެސް މިއީ ރާއްޖޭގައި އޮޕަރޭޓްކުރާ ރިޒޯޓުތަކުގެ ތެރެއިން މަދު ރިޒޯޓެއްގެ އިިހުމާލު ކަމަށާއި، މިކަމުގައި މުޅި އިންޑަސްޓްރީ ހިމެނުމަކީ އިންސާފެއް ނޫން ކަމަށެވެ. މިނިސްޓަރ މިކަމަށް އަލިއަޅުއްވާލައްވާފައިވަނީ ރާއްޖޭގެ ބައެއް ރިސޯޓުތަކުން މޫދަށް ކުނި އެޅުމުގެ މައްސަލައަކީ ސޯޝަލް މީޑިއާގައި ދާދިފަހުން ފެންމަތިވެފައިވަނިކޮށެވެ. މިނިސްޓަރ ވިދާޅުވީ ކުނިމެނޭޖްކުރުމަކީ ރާއްޖޭގެ ރަށްރަށުގެ އިތުރުން ރިސޯޓްތަކަށްވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި ރިޒޯޓުގައި މި މައްސަލަ ހައްލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްކުރައްވަމުން އަންނަކަމަށެވެ.
"އަޅުގަނޑުމެންގެ ގޯލްޑަން ޔިއަރ 2022 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ގެސްޓްހައުސް ހުރި ރަށްތަކުގައިވެސް އަދި އެހެންތަންތަނުގައިވެސް އިރާދަކުރެއްވިއްޔާ ކުނި މެނޭޖްކުރުމުގައި ޓޫރިޒަމް މިނިސްޓްރީން ކައުންސިލްތަކާއި ބައިވެރިވެގެން ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ބައިވެރިވެގެން އިރާދަކުރެއްވިއްޔާ އެކަންތައްތައް ރަނގަޅަށް މެނޭޖްކުރާނަން. މިވަގުތު ވަރަށް ގިނަ ތަންތަނުގައި ހަމަ ވަރަށް ބޮޑު މައްސަލައެއް އެބައޮތް މެނޭޖްކުރުމުގައި. އެހެންނަމަވެސް އެބޭފުޅުންނަށް ވީ ވަރަކުން މެނޭޖްކުރަމުންދަނީ." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
ރާއްޖެއަކީ ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ އެކަށީގެންވާ ގަވާއިދުތަކާއި މަސައްކަތްތައް ކުރާ އެއްގައުމު ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިހާރުވެސް މިކަމަށް އެދެވޭ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.
މޫދަށް ކުނި އެޅުމުގެ މައްސަލައާއި ގުޅޭ ގޮތުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީން، އެޗްޕީއޭއިން ވިދާޅުވީ ބައެއް ރިސޯޓްތަކުން މޫދަށް ކުނި އެޅުމުގެ ސަބަބުން އެކަމުގެ ގެއްލުން މުޅި ރާއްޖެއަށް ވާކަމަށެވެ.
"ކުނި މެނޭޖްކުރުމަށް ވިސްނާލާއިރު އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަ ދިމާވޭ ބައެއް ގަވާއިދުތައް ހުރި ގޮތުން. އޭގެ ތެރެއިން އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ފާހަގަ ކޮށްލަންޖެހޭ ފަތުރުވެރިކަމުގެ ތިމާވެށި ރައްކާތެރިކުރުމާއި ބެހޭ ގަވާއިދަކުން ބައެއް ރިސޯޓްތަކަށް އެބަދޭ ހުއްދައެއް ރިސޯޓްތަކުގެ ބަދިގޭގެ ކުނި އަތޮޅުން ބޭރަށް ވަކި ހާލަތްތަކެއްގައި އަޅަން. އެތަން ކޮޅުގެ ނާޖާއިޒު ފައިދާ ނާޖާއިޒު ބޭނުންކޮށްގެން ވަރަށް ގިނަ ކުނިތައް އެބަ އެޅެމުންދޭ މޫދައް" އީޕީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވިއެވެ.
ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމްތައް ނެތްކަމަށާއި އެފަދަ ރަށްރަށުގައި އެކި ގޮތްގޮތައް ކުނި ނައްތާލުމުގެ ކަންކަން ކުރަމުން އަންނަކަން އީޕީއޭއަށް ފާހަގަވެފައިވާކަމަށް ނައީމް ވިދާޅުވިއެވެ. އެހެންކަމުން ބައެއް ރަށްރަށުން ކުނި އަންދާއިރު އަނެއް ބައި ރަށްރަށުން މޫދައް ކުނި އަޅާ ކަމަށާއި ކުނި މެނޭޖްކުރުމުގެ ނިޒާމް ނެތް ރަށްރަށުގެ ތެރެއިންވެސް ބައެއް ރަށްރަށުން ވަރަށް ރަނގަޅަށް ކުނި މެނޭޖްކުރުމުގެ ކަންކަން ކުރާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުނި ނައްތާލުމުގެ ކަންކަން ރަށްރަށުގައި ކުރަމުންދާ ގޮތް އީޕީއޭގެ ފަރާތުން ބަލަމުން އަންނަކަމަށާއި ފުރުސަތު ދިނުމަށްފަހު ފިޔަވަޅު އަޅަން ޖެހިއްޖެނަމަ ފިޔަވަޅު އަޅާނެކަމަށްވެސް އީޕީއޭއިން ވިދާޅުވިއެވެ.
މާލެއިން އަދި ރަށްރަށުން ގެންނަ ކުނި ނައްތާލުމަށް އޮތް ހަމައެކަނި ހައްލަކީ މިވަގުތު ތިލަފުއްޓެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި ތިލަފުއްޓަށް އުފުލައެވެ. އަދި ކައިރި ރިސޯޓުތަކުން ގެންނަ ކުންޏާއިއެކު ދުވާހަލު އެވްރެޖްކޮށް 1000 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދެއެވެ. އެހެންނަމަވެސް ތިލަފުށީގައި މިހާ ކުނި މެނޭޖްނުކުރެވޭކަން ސަރުކާރުން ފާހަގަކުރެއެވެ.