ޚަބަރު

ކެފޭ ރެސްޓޯރަންޓްތަކުގެ ޚިދުމަތްދޭވޭ ވަގުތައް ބަދަލުގެނެސްފި


މާލޭގެ ސައި ހޮސްޓާތަކާއި ކެފޭ ރެސްޓޯރެންޓްތަކުން ޚިދުމަތް ދެވޭނެ ވަގުތަށް ބަދަލު ގެނެސްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވީ މިއަދުން ފެށިގެ ކެފޭތަކާއި ރެސްޓޯރެންޓްތަކުން ޚިދުމަތް ދެވޭނެ ވަގުތަކީ ފަތިހު 4:30އިން ފެށިގެން ރޭގަނޑު 11:30އަށް ކަމަށެވެ. މިގޮތަށް ބަދަލުގެނެސްފައިވަނީ މާލޭގައި އަނެއްކާވެސް ކާފިއުގެ ވަގުތު އިޢުލާންކުރުމާ ގުޅިގެންނެވެ.

ހެލްތު ޕްރެކްޝަން އެޖެންސީން ވަނީ މާލޭގައި ބޭރަށް ނިކުމެ އުޅުން މަނާ ވަގުތު ކަނޑައަޅައި މެންދަމު 12:00އިން ފަތިހު 4:00އާ ހަމައަށް ކާފިއު އިޢުލާންކޮށްފައެވެ. މި ބަދަލު ގެނެސްފައިވަނީ މާލޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން، މީހުން އެއްވެއުޅޭ މިންވަރު ވީހާވެސް މަދުކުރުމަށެވެ.

ފުރަބަންދުގައި ކެފޭ ރެސްޓޯރަންޓްތަކުގެ ޚިދުމަތް މުޅިން މެދުކަނޑާލުމަށްފަހު ޚިދުމަށް އަލުން ފެށުމުގެ ހުއްދަ ދިނީ ޖޫންމަހުގެ 30ވަނަ ދުވަހުއެވެ. އޭރު ހުއްދަ ދިނީ ސައިހޮޓާ ކެފޭ ރެސްޓޯރަންޓްތަކުން ފަތިހު 05:00އިން ރޭގަނޑު 10:00އާ ހަމައަށް ޚިދުމަތް ދެވޭގޮތަށެވެ. ނަމަވެސް ފަހުން ޙާލަތު ރަނގަޅުވެ، ރޭގަނޑު 12ޖަހަންދެން ޚިދުމަތްދެވޭގޮތަށް ބަދަލުކުރުމަށްފަހު މިމަހުގެ 24ވަނަ ދުވަހު ދަންވަރު 01:00އާ ހަމައަށް ޚިދުމަތް ދެވޭނެގޮތަށް ހުއްދަ ދިނެވެ. ނަމަވެސް ކޯވިޑް-19ގެ ޙާލަތާ ގުޅިގެން މި އުސޫލަށް ބަދަލުގެނެސް، މިހާރު ޚިދުމަތް ދެވޭނީ ރޭގަނޑު 11:30އާ ހަމައަށެވެ.

ކޯވިޑް ޙާލަތާއެކު، ސައިހޮޓާ ކެފޭ ރެސްޓޯރަންޓްތަކުގެ ޚިދުމަތް ދިނުމުގެ ހުއްދަދެނީ، ޚިދުމަތްދޭ މާޙައުލަކީ ސިއްޙީގޮތުން ރައްކާތެރި ތަނެއްކަން ކަށަވަރުކުރުމަށްފަހުއެވެ. އަދި ކެފޭ ރެސްޓޯރަންޓްތަކުގައި ޢަމަލުކުރަންޖެހޭ އުސޫލުވެސް އެޗްޕީއޭއިންވަނީ ކަނޑައަޅާފައެވެ.

އެގޮތުން 3ފޫޓުގެ ދުރުމުން ހުންނަގޮތަށް ގޮނޑިޖެހުމާ، ޚިދުމަތް ދޭއިރުވެސް ގައިދިރުކަން ބެހެއްޓުމާ، މާޙައުލަކީ ސާފުތަނެއްކަން ކަށަވަރުކުރުމަށް ވިޔަފާރިތަކަށް އެޗްޕީއޭއިންވަނީ އަންގާފައެވެ.