ޚަބަރު

ތަކަންދޫގެ ތަރިކައިގެ މަޝްރޫއުތައް ވަޒީރު ހީނާ ބައްލަވާލައްވައިފި


  • ތަކަންދޫގައި ހުންނަ އުތީމު އަލިތަކުރުފާނުގެ ޒިޔާރަތް ބައްލަވާލެއްވި

  • ވަޒީރު އެރަށަށް ވަޑައިގަތީ ހއ.އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން

ހއ. ތަކަންދޫގައި ކުރިއަށްދާ ތަރިކަ ރައްކާތެރި ކުރުމުގެ މަޝްރޫއުތައް، ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ބައްލަވާލައްވައިފިއެވެ.

ވަޒީރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް އުތީމާއި، ތަކަންދޫ އަދި ބާރަށުގައި ހުރި އާސާރީ ބިނާތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކުރިއަށްދާ މަސައްކަތްތައް ބައްލަވައިލެއްވުމަށާއި، ކުރިއަށް އޮތް ޤައުމީ ދުވަހުގެ ތައްޔާރީތައް ބައްލަވައިލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ތަކަންދޫއަށް ވަޑައިގެން، އެ ރަށުގައި ހުރި ތާރީޚީ ބިނާތަކުގެ ހާލަތާއި، މިހާރު ކުރިއަށްދާ މަރާމާތުގެ މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތު ވަޒީރު ވަނީ އޮޅުންފިލުއްވާފައެވެ. އެގޮތުން ތަކަންދޫގައި ހުންނަ އުތީމު އަލިތަކުރުފާނުގެ ޒިޔާރަތަށް ވަޑައިގެން، އެތަނުގެ ހާލަތު ބައްލަވައިލެއްވުމުގެ އިތުރުން އެރަށުގެ ހިރިގަލު ގަބުރުސްތާނާއި، ވެވު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ވަނީ ބައްލަވާލައްވާފައެވެ. އަދި ރަށުގެ ކުޅިތަކަށް ޒިޔާރަތް ކުރައްވައި، އެ ސަރަހައްދުތަކުގެ މުހިންމު ކަމާއި ގުޅޭގޮތުންވެސް މަޢުލޫމާތު ހޯއްދަވާފައިވެއެވެ.

މީގެ އިތުރުން، އުތީމުގައި ފަށާފައިވާ ތަރިކައިގެ މަޝްރޫޢުތަކުގެ ތެރެއިން ތަކުރުފާނުގެ ދޮރޯށީގެ މަސައްކަތާއި، ކަނދުވަލު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތުގެ އިތުރުން 'ވާހަކަ ވައު' ސަރަހައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ބައްލަވައިލައްވައި، މިއަހަރުގެ ޤައުމީ ދުވަހުގެ ކުރިން މި ހުރިހާ މަޝްރޫއުތަކެއް ނިމި، ރަސްމީކޮށް ހުޅުވޭނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

"މިތަންތަނުގެ ރައްކާތެރިކަން ބަލަހައްޓައި މިތަންތަން ތަރިކައިގެ ގޮތުގައި ބަލަހައްޓަމުން ދަނީ، މިރަށުގެ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތުން. އާރްޑީސީއާއި ޙަވާލުކޮށްގެން މިމަސައްކަތް ކުރާއިރު އެފަރާތްތަކުންވެސް ވަރަށް ބާރަށް އެމަސައްކަތް ކުރަމުންދޭ. އެހެންވިީމާއި ޤައުމީ ދުވަސް އަންނަވާއިރަށް މިތަންތަން ނިމި ހުޅުވިގެންދާނެ." ވަޒީރު ހީނާ ވިދާޅުވިއެވެ.

ސަރުކާރުގެ ތަރިކަ ޙިމާޔަތް ކުރުމުގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެނީ، އާސާރީ ބިނާތަކުގެ އަސްލު ސިފަ ނުގެއްލޭނޭހެން ޒަމާނީ ފެންވަރަށް އެތަންތަން ރައްކާތެރި ކުރުމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިފަދަ ތާރީޚީ ބިނާތަކަކީ، ދިވެހިންގެ މުއްސަނދި އަދި ގަދީމީ ތާރީޚުގެ ދިރިހުރި ހެކިތަކެކެވެ.