ޚަބަރު

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި


  • މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހުޅުމާލެ ފޭސް 2ގައި

  • ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައި

ހުޅުމާލެ ފޭސް 2 ގައި ޕާކުކޮށްފައި އޮތް ކާރެއްގައި ދުއްވަން އިން އުޅަނދުން ޖެހުމުން، މަޑުނުކޮށް ފިލައިގެން ދިޔަ މައްސަލާގައި ތުހުމަތުކުރެވޭ މީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެރޭ 19:10 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2، ބެރެބެދިމާ ހިނގުމުގައެވެ. އެ ސަރަޙައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އުޅަނދަކުން ޖެހި އެކްސިޑެންޓްވުމަށްފަހު، އެ އުޅަނދު މަޑުނުކޮށް ފިލައިގެން ދިޔަ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ފުލުހުން ކުރި މަސައްކަތުން އެމީހާ ވަނީ ހޯދައި، ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ލ. ކަލައިދޫ، ނެސްޓް، އުމުރުން 26 އަހަރުގެ ޣުފްރާން ޚާލިދު އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރި އިރު މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން، އޭނާ ދުއްވި އުޅަނދު ބަލައި ފާސްކުރިއިރު ބަނގުރާ ހުރި ދަޅަކާއި، ބަނގުރާ ހުސްކުރި ދެ ދަޅު އެ އުޅަނދުގެ ތެރެއިން ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި ޣުފްރާން ޚާލިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.