ފީފާ ވޯލްޑް ކަޕް 2026 ފެށެން ގާތްވުމާއި ހިސާބުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ދިޔައީ، ދިވެހިންގެ މެދުގައި އެކަމުގެ ފޯރި އިތުރު ކުރުމަށް އެކިކަހަލަ ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން އަޟްޙާ ޢީދުގެ މުނާސަބަތުގައި ސަރުކާރުގެ އެކި މުވައްސަސާތައް ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ ފެސްޓިވަލުގައި ވޯލްޑްކަޕާއި ގުޅޭ ސްޓޯލެއް ކުރިއަށް ގެންދިއުމާއި، ވޯލްޑް ކަޕް ފެށެން ހަފުތާއެއްހައި ދުވަހަށް ވެފައި ވަނިކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދިޔަ ޚާއްޞަ ވޯލްޑްކަޕް ހަވީރު ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން ވޯލްޑްކަޕް ފެށުމާއެކު ކޮންމެ ހަފުތާ ބަންދެއްގައި ޕީއެސްއެމްއިން އަންނަނީ، ޓީވީ ބިލްޑިންގގެ ގޯތިތެރޭގައި ކުޑަކުދިންނާއި ރައްޓެހި އެތަކެއް ހަރަކާތްތަކަކާއެކު އާއިލާއާއެކީ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފަދަ ކާނިވަލެއް ބާއްވަމުންނެވެ. މި ކާނިވާގެ ތެރެއިން، ޕެނަލްޓީ ޖެހުން ފަދަ ފުޓުބޯޅައާ ގުޅުންހުރި އެތައް ގޭމްތަކެއް ކުޅުމުގެ ފުރުޞަތު ކުދިންނަށް ލިބެއެވެ. މީގެ އިތުރުން މިއުޒިކަލް ޗެއަރ ފަދަ ކުޑަކުދިން ގަޔާވާނެ ފަދަ އެތަކެއް ހަރަކާތްތަކެއް މި ކާނިވާގެ ތެރެއިން ކުރިއަށްދެއެވެ.
އަދި މިހަވީރުގެ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯ، ކިލިއަން އެމްބާޕޭ، ނޭމާ ޖޫނިއަރ ފަދަ ދިވެހީންގެ ތެރޭގައި މަޤުބޫލުކަން ހޯދާފައިވާ ފުޓުބޯޅަ ތަރީންގެ ލައިފް-ސައިޒް ކާޑުބޯޑު ކަޓް-އައުޓްތަކާއެކު ފޮޓޯ ނެގުމުގެ ފުރުޞަތުވެސް ލިބިގެންދެއެވެ. ހަމައެއާއެކު، މި ހަވީރަކީ ވީހާވެސް ގިނައިން ކުޑަކުދިންގެ ބައިވެރިވުން އެކުލެވޭ ގޮތަށް ކުރިއަށްގެންދާ ހަވީރަކަށް ހެދުމުގެ ގޮތުން ޕީއެސްއެމްއިން ވަނީ، މި ހަވީރުގައި ސްޓޭޖު އައިޓަމްތައް ހުށަހެޅުމުގެ ފުރުޞަތު އެކަމަށް ޝައުޤުވެރިވާ ސްކޫލުތަކަށް ހުޅުވާލާފައެވެ. މިއަދުގެ ކާނިވަލުންވެސް މިފަދަ ހަރަކާތްތަކެއް ވަނީ ފެނިގެން ގޮސްފައެވެ.
ކުޅިވަރު ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ އިތުރުން މި ކާނިވާގައި އެންމެ ޚާއްޞަ އެއްކަމެއްގެ ގޮތުން ވޯލްޑްކަޕުގައި ކުޅޭ ޓީމުތަކުގެ ޖަޒީތައް ހެޔޮ އަގުތަކެއްގައި ގަނެވޭނެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.
މީގެއިތުރުން މި ކާނިވާގެ ތެރެއިން ތަފާތު އެކި ސްޓޯލްތަކުން އެކި ބާވަތްތަކުގެ މީރު ކާތަކެތި ލިބެންވެސް ހުރެއެވެ.
ކޮންމެ ހަފުތާ ބަންދެއްގައި ބާއްވާ މިކާނިވާ ވެފައިވަނީ ކުޑަކުދިން ގަޔާވާ، އެކުދިންގެ ތަރުޙީބު ވަރަށް ބޮޑަށް ލިބޭ ހަވީރަކަށެވެ.
ފީފާ ވޯލްޑްކަޕް 2026 ނިމުމާ ހަމައަށް، ކޮންމެ ހަފުތާ ބަންދެއްގައި މި ކާނިވާ ކުރިއަށްދާނެއެވެ.