ވިޔަފާރި

ރާއްޖޭގައި ބާނާ މަސް މެދުއިރުމައްޗާއި ރަޝިޔާ މާކެޓަށް އެކްސްޕޯޓްކުރަނީ


މެދުއިރުމައްޗާއި ރަޝިއާގެ މާކެޓަށް ރާއްޖޭގެ މަސް އެކްސްޕޯޓްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ، މިފްކޯއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މެދުއިރުމައްޗާއި ރަޝިއާގެ މާކެޓަކީ މަހުގެ އުފެއްދުންތަކަށް ޑިމާންޑް އޮތް މާކެޓްތަކެއްކަމަށެވެ. އެގޮތުން މި 2 މާކެޓައް ރާއްޖޭގެ މަސް އެކްސްޕޯޓްކުރުމުގެ މަސައްކަތް ކުރަމުންއަންނަކަމަށް އިސްމާއިލް ވިދާޅުވިއެވެ. ޤައުމުތަކުގެ ބޯޑަރު ހުޅުވާލުމާއިއެކު އެހެން މާކެޓްތަކަށް ވަނުމުގެ މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިޑުލް އީސްޓް މާކެޓަކީވެސް މީ ވަރަށް ވަރުގަދަ މާކެޓެއް. ދެން އަދި އޭގެއިތުރުން ރަޝިއާ އަކީވެސް ވަރަށް ވަރުގަދަ މާކެޓެއް އޮތް ތަނެއް. މިހާރުވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އުންމީދަކީ ކުރިއަށްއޮތް ތަނުގައި އަޅުގަނޑުމެންނަށް ރަޝިއާ މާކެޓަށްވެސް އަދި މިޑުލް އީސްޓް މާކެޓަށްވެސް އެކްސެސްވުން. މަސައްކަތް އެބަކުރެވޭ. އެހެންނަމަވެސް މިދިޔަ އަހަރަކީ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ އަހަރެއް މަސްގަންނަ ކުންފުނިތަކަށްވެސް އަދި އެކްސްޕޯޓްކުރާ ކުންފުނިތަކަށްވެސް. މަސް ގަންނަ ކުންފުނިތަކަށް ތެދުވެވި ބޯޑަރުތައް ހުޅުވި މިހުރިހައި ކަމެއްވާއިރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އިތުރު މާކެޓްތަކެއް ލިބޭނެކަމަށް އުންމީދުކުރަނީ." އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ވަރަށް ތަފާތު މަސްވެރިކަމެއްކަމަށެވެ. މި މަސްވެރިކަން ޕްރޮމޯޓްކުރަންޖެހޭކަމަށާއި، ސަރުކާރުން ޕްލޭންތަކެއް ހަދައި މިއަހަރު ރާއްޖޭގެ މަސްވެރިކަން އިތުރަށް ޕްރޮމޯޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ މަސްވެރިކަން ރަނގަޅަށް ޕްރޮމޯޓްކުރެވިއްޖެނަމަ މިހާރުލިބޭ އަގަށްވުރެ ރަނގަޅު އަގެއް ލިބޭނެކަމަށާއި އަދި ޕްރޮސެސްކޮށްފައި އެކްސްޕޯޓްކުރެވިއްޖެނަމަ މާ ރަނގަޅު އަގެއް ލިބިގެންދާނެކަންވެސް އިސްމާއިލް ފާހަގަކުރެއްވިއެވެ. އިސްމާއިލް ވިދާޅުވީ އެކަން ކުރުމަށް މިހާރު މިފްކޯއިން ދަނީ މަސައްކަތްތައް ކުރަމުންކަމަށެވެ.

ރާއްޖެއިން މިހާރު އެންމެ ގިނައިން މަސް އެކްސްޕޯޓް ކުރަނީ ތައިލޭންޑަށެވެ. އެގޮތުން މިދިޔަ ޑިސެމްބަރ މަހުވެސް ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ %70 އެކްސްޕޯޓްކޮށްފައި ވަނީ ތައިލޭންޑަށެވެ. ޖަރުމަނުވިލާތަށް %5 އެވެ. މީގެއިތުރުން އިންޑިއާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް މިއިން ކޮންމެ ޤައުމަކަށް %3 ވަނީ އެކްސްޕޯޓްކޮށްފައެވެ.

ކާފަ

ހައްތަހާވެސް ކުރަނީ، ކުރަން ފަށާފި. މިހެން ޖަހާލަން މި ސަރުކާރައް ހަމަ ނުލިބެނީތަ؟