ކޯވިޑް-19

އޭޑީކޭގެ އެޗް.ޑީ.ޔޫއިން ފަރުވާ ހޯދި ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން އެޗް.ޑީ.ޔޫ ބަންދުކޮށްފި


އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ހައި ޑިޕެންޑެންސީ ޔުނިޓުން ފަރުވާ ހޯދި ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާގުޅިގެން އެތަން ބަންދުކޮށްފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާޠުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، އޭ.ޑީ.ކޭގެ އެޗް.ޑީ.ޔޫއިން ފަރުވާ ދިނުމަށްފަހު ދޫކޮށްލި 3 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެކަމާގުޅިގެން މިވަގުތު އެ ޔުނިޓް ބަންދުކޮށް، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އޭ.ޑީ.ކޭގެ އެޗް.ޑީ.ޔޫއިން ފަރުވާ ހޯދި ބަޔަކު ޕޮޒިޓިވްވުމާގުޅިގެން، އައުޓްބްރޭކް ކޮންޓްރޯލްކުރުމަށްޓަކާ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށެވެ. އަދި އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ހުރިހާ ޕޭޝަންޓުން ޓެސްޓްކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މިވަގުތު ހައި ޑިޕެންޑެންސީ ޔުނިޓް ވަނީ ބަންދުކޮށްފައި. ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރިއަށްއެބަދޭ. މުޅި ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ ހުރިހާ އިންޕޭޝަންޓުން ޓެސްޓްކުރެވިފައިވަނީ. އަދި އޭގެ އިތުރުން އެޗްޑީޔޫގައި މަސައްކަތްކުރި އެތާތިބި ބަލި މީހުންނާއި ކޮންޓެކްޓްވި ހުރިހާ ސްޓާފުންވެސް މިވަގުތު ވަނީ ޓެސްޓްކުރެވިފައި. އޭގެން އެއްވެސް މީހަކު މިހާތަނަށް ޕޮޒިޓިވްވެފައެއްނުވޭ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އޭ.ޑީ.ކޭގެ އެޗް.ޑީ.ޔޫއިން ފަރުވާ ދިނުމަށްފަހު ދޫކޮށްލިފަހުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި ހުރިހާ ސްޓާފުންވެސް މިވަގުތު ތިބީ ކަރަންޓީނުގައިކަމަށެވެ. އަދި އޭ.ޑީ.ކޭގައި ރައްކާތެރިކަމާއެކު ޚިދުމަތްދެވޭނެހެން ފިޔަވަޅުތައް އަޅާފައިވާކަމަށާއި، މިކަމާގުޅިގެން ޚިދުމަތް ހޯދުމުގައި އާއްމުންނަށް އިތުރު އުނދަގޫތަކެއް ދިމާނުވާނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.